ހަބަރު

ރޯގާއެއް ފެތުރި މުލީ ރައްޔިތުން ހުމާ ފިއްސާލައިފި

މ އަތޮޅު މުލީގައި އާދަޔާ ހިލާފު ބާރުމިނެއްގައި ހުމެއް ފެތުރެމުން އެބަދެ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން މުލީ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާތިރު މިއަދު ވިދާޅުވީ، މުލީގައި އާދަޔާ ހިލާފު ހުމެއް ވަރަށް ހަލުވި ސްޕީޑެއްގައި ފެތުރެމުންދާތީ މި ދުވަސްވަރު ރަށުގެ އާންމުންގެ ސިއްހީ ހާލަތާމެދު ކައުންސިލުން އިންތިހާއަށް ކަންބޮޑުވެފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 1200 އެއްހާ މީހުން ދިރިއުޅޭ އެރަށުގައި ހުން ފެތުރެން ފަށާފައިވަނީ މީގެ މަހެއްހައި ދުވަސް ކުރިންނެވެ.

ޝާތިރު ވިދާޅުވީ، އެރަށުގައި މިހާރު ފެތުރެމުންދަނީ މަދިރީގެ ސަބަބުން ޖެހޭ ގޮތް ނޭނގޭ ވައިރަލް ހުމެއް ކަމަށެވެ. ހުން ފެތުރެމުންދާ ބާރުމިނަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ އެފަދަ ހުމެއް މިވީ ސާޅީހަކަށް އަހަރު ތެރޭގައި ވެސް އެ ރަށުގެ މީހުން ދެކެފައިނުވާ ކަމަށެވެ.

މިދިއަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި 200 އެއްހައި މީހުން ހުންޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ޝާތިރު ވިދާޅުވި އެވެ. އަދި ހުން ފެތުރެން ފެށިފަހުން އެރަށުގެ ސިއްހީ މަރުކަޒުގެ ވޯޑުތައް އޮންނަނީ މުޅިން ފުރިފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލުގައި ގާތްގަނޑަކަށް 23 އެނދު ހުންނަނީ، އެ ހުރިހާ އެނދެއް ފުލް. ކޮންމެ ގެއެއްގައިވެސް ހުން ޖެހިފައި ތިބޭ ދެ މީހުން ތިން މީހުން ވަރު އުޅޭނެ މިރަށުގައި މިހާރު. މިކަން ވަރަށް ސީރިއަސްކޮށް މިނިސްޓްރީން ބަލަން އެބަ ޖެހޭ،" ޝާތިރު ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވި ގޮތުގައި ހުން ފެތުރެން ފެށިފަހުން ސީރިއަސް ވެގެން ބައެއް މީހުން މާލެއަށްވެސް ވަނީ ފޮނުވާފަ އެވެ. އެގޮތުން ރޭ ދަންވަރުވެސް ދެމީހަކު ވަނީ މާލެއަށް ފޮނުވާފަ އެވެ.

މަދިރީގެ ސަބަބުން ފެތުރޭ އެ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ. މި ދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ހުން ޖެހިގެން 49 ކުދިން ސްކޫލަށް ގޮސްފައި ނުވާއިރު ނުވަ ޓީޗަރަކުވެސް ބަލިވެ ވަޒީފާއަށް ނުނިކުމެ އެވެ.

ޝާތިރު ވިދާޅުވީ، ހުމަކީ މަދިރީގެ ސަބަބުން ޖެހޭ ހުމަކަށް ވާތީ، މަދިރިން ސަލާމަތްވާން ގިނަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ، ކައުންސިލާއި ސިއްހީ މަރުކަޒު ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް މާދަމާ ހިންގާނެ ކަމަށެވެ.

ސިއްހީ މަރުކަޒުގެ މެނޭޖަރު އިސްމާއިލް ސޯދިގު ވިދާޅުވީ، ރަށުގައި ފެތުރެމުންދާ ހުމާއި ބެހޭ ގޮތުން މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ އެކަން ހައްލުކޮށްދިނުމަށް ވެސް ސިޓީ ފޮނުވި ކަމަށެވެ.

"ނަރުހުންގެ ދަތިކަން ވަރަށް ބޮޑު. މިހާ ބޮޑު ހުމެއް ފެތުރުގެން އުޅޭ އިރު ރަށުގައި ތިބި ނަރުހުންވެސް ތިބީ ބަލިކޮށް. އެމީހުންގެ އާއިލާއާއި ދަރިން ބަލި. ވަޒީފާއަށް މިހާރު ނުކުމެވެނީ މަދު ނަރުހަކަށް. އެ ނުކުންނަ ނަރުހުން އެބަ މަސައްކަތްކުރަންޖެހޭ ހާލަތުގެ ގޮތުން ދެގުނައަށް،" ސޯދިގު ވިދާޅުވި އެވެ.