ވިޔަފާރި

އަންނަ އަހަރު މޯލްޑިވިއަންގެ ހަތަރު ބޯޓެއްގެ ފައިސާ ދައްކާ ނިންމާނެ

  • ޗައިނާ ދަތުރުތައް ވަރަށް ކާމިޔާބު
  • އާ ބޯޓު ގެންނަނީ އިސްލާމިކް ފައިނޭންސުގެ ދަށުން
  • ހަތަރު ބޯޓެއްގެ ފައިސާ އަންނަ އަހަރު ހަލާސް ކުރާނެ

މޯލްޑިވިއަން އިން ލޯނު ނަގައިގެން ގެނެސް ބޭނުން ކުރަމުން ގެންދާ ހަތަރު ފްލައިޓަކަށް އަންނަ އަހަރު ފައިސާ ދައްކާ ހަލާސްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ބާއްވާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އެ ކުންފުނިން ބޯޓު ގެންނަނީ ލޯނު ނަގައިގެން ކަމަށެވެ.

"ބޯޓު މި ގެންނަނީ ގަނެގެން. ލޯނެއް ނަގައިގެން. ލޯނުގެ ފައިނޭންސް މިކުރަނީ ރާއްޖޭގެ ބޭންކުތަކުން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ފައިނޭންސިންނާއި ބޭންކުތަކުން ލޯނު ނަގައިގެން ގެނެސްފައިވާ ހަތަރު ބޯޓެއްގެ ފައިސާ އަންނަ އަހަރު ނިމޭނެ ކަމަށެވެ.

"މި ގޮތަށް ހުރި ބޯޓު ފަހަރު އިރާދުކުރެއްވިއްޔާ ނިމެމުން މިދަނީ. އަންނަ އަހަރު ހަތަރު ބޯޓެއްގެ ފައިނޭންސް ދައްކާނިމި އަމިއްލަ ވާނެ،" ހާރިސް ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރަށް އުދުހުންތައް ބާއްވާ މޯލްޑިވިއަންގެ 16 ވަނަ ބޯޓް މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ އެވެ.



ހާރިސް ވިދާޅުވީ މި ބޯޓަކީ އިސްލާމިކް ފައިނޭންސްގެ ދަށުން އެ ކުންފުންޏަށް ގެންނަ ފުރަތަމަ ބޯޓު ކަމަށެވެ.

"ކޮންޓްރެކްޓް އިންނަ ގޮތުން އަގު ހާމަކުރާ ގޮތަކަށް ނޫން އޮންނަނީ،" ހާރިސް ވިދާޅުވި އެވެ.

ނަމަވެސް "އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނިން ވަނީ އިސްލާމިކް ޓީ-ބިލްގެ ގޮތުގައި 115 މިލިއަން ރުފިޔާގެ ފައިނޭންސް ހޯދާފަ އެވެ. މި ބޯޓު ގެންނަނީ މި ފައިސާ ހިމަނައިގެންނެވެ.

ހާރިސް ވިދާޅުވީ އެ ކުންފުނީގެ ފްލީޓް ފުޅާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ސަަބަބުން ކުންފުނީގެ ވިޔަފާރި ރަނގަޅު ވަމުން އަންނަ ކަމަށެވެ.

"މީގެ ހަތަރު ވަރަކަށް އަހަރު ކުރީގައި މި އޮތީ ފަސް ބޯޓު. ނަމަވެސް މިހާރު މި އޮތީ ތިން ގުނަ އިތުރު ކުރެވިފައި،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ފަސް ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ބާއްވަމުން ގެންދާއިރު މި ސިޓީތަކުން ގިނަ އަދަދެެއްގެ ޓޫރިސްޓުން ގެނަމުންދާ ކަމަށެވެ.

"ހަފުތާއަކުން ގާތްގަނޑަކަށް 900 އެއްހާ ޓޫރިސްޓުން އެބަ ގެނެވޭ އިރާދަކުރެއްވިއްޔާ. މީގެން ގިނަ ބަޔަކު ހުޅުމާލެ ގެސްޓް ހައުސްތަކަށް ވެސް ދޭ. މިކަމުގެ ސަބަބުން އިކޮނޮމީއަށްވެސް ގިނަ ފައިދާތަކެއް ކުރޭ،" ހާރިސް ވިދާޅުވި އެވެ.