ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދައުލަތުގެ އާމްދަނީ އާއި ހަރަދު: ނުވަ ބިލިއަން ރުފިޔާގެ ފަރަގެއް!

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ އިންތިހާ އަށް މި ވަނީ ދަށްވެފަ އެވެ. ނަމަވެސް ހަރަދު ކުރުމަށް މަޑު ޖެހުމެއް ނެތި ދަނީ މަތިވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ އާއި ހަރަދުގައި މިހާތަނަށް ނުވަ ބިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށް އެބަދައްކަ އެވެ. މާނައަކީ ނުވަ ބިލިއަން ރުފިޔާ މިވަނީ އާމްދަނީއާ ހަރަދަށް އަޅާ ބަލާއިރު މަދުކޮށެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 27 ވަނަ ދުވަހު އާއްމުކުރި ހަފުތާގެ ހަރަދާއި އާމްދަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ދައުލަތަށް ލިބުނީ 11 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އެހެންވެ، ހަރަދާއި އާމްދަނީގެ ދެމެދުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގެ ކެޕެއް އެބަހުއްޓެެވެ. މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ލިބޭނެ ކަމަށް އަންޒާދާކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި 35 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މާލީ ރިޕޯޓުގެ އާމްދަނީގެ ބައިތަކަށް ބަލާއިރު، މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބުނުނަމަވެސް މިދިޔަ އަހަރު މިމުއްދަތާ ހަމަ އަށް އައިއިރު 20 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިހާތަނަށް ޓެކުހުގެ ގޮތުގައި އަށް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު 13 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން މި އަހަރު ދެ ބިލިއަން ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާ ލިބުނެވެ. އަދި ކެޕިޓަލް ރިސިޕްޓްސްގެ ގޮތުގައި މި އަހަރު 7.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބުނީ 592.1 މިލިއަން ރުފިޔާ އެވެ.

އާމްދަނީގައި ހުރި ފަހަރު

  • މިހާތަނަށް ޖުމްލަ އާމްދަނީ: 11 ބިލިއަން (2019 ގައި 20 ބިލިއަން)
  • މިހާތަނަށް ޓެކުހުގެ ގޮތުގައި: އަށް ބިލިއަން (2019 ގައި 13 ބިލިއަން)
  • މިހާތަނަށް ޓެކްސް ނޫން ގޮތް ގޮތުން: ދެ ބިލިއަން (2019 ގައި ފަސް ބިލިއަން)
  • މިހާތަނަށް ކެޕިޓަލް ރިސިޕްޓަށް 7.5 ބިލިއަން (2019 ގައި 17.7 ބިލިއަން)

މި އަހަރުގެ އާމްދަނީ ދަށްވި ނަމަވެސް ހަރަދުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. މިހާތަނަށް ދައުލަތުން 20.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ހޭދަ އުޅެނީ 20.8 ބިލިއަން ރުފިޔާގަ އެވެ. މިހާތަނަށް ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން 7.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ހޭދަ އުޅެނީ 7.5 ބިލިއަން ރުފިޔާގަ އެވެ. އަދި އެޑްމިނިސްޓްރޭޓިވް ހަރަދުތައް މިއަހަރު 6.5 ބިލިއަން ރުފިޔާގައި އުޅޭއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި ހަރަދު ހުރީ 7.1 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުގެ ހަރަދުގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 6.5 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިދިޔަ އަހަރުގެ ހޭދަ އުޅެނީ 5.2 ބިލިއަން ރުފިޔާގަ އެވެ. މިބައިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޑިވްލޮޕްމަންޓް ޕްރޮޖެކްޓްސް ތަކަށެވެ. މި ބަޔަކަށް މިހާތަނަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހޭދަ އުޅެނީ 1.2 ބިލިއަން ރުފިޔާގަ އެވެ.

ހަރަދުގައި ހުރި ފަރަގު

  • މިހާތަނަށް ޖުމްލަ ހަރަދު: 20.7 ބިލިއަން (2019 ގައި 20.8 ބިލިއަން)
  • މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދޭން: 7.6 ބިލިއަން (2019 ގައި 7.5 ބިލިއަން)
  • މިހާތަނަށް އެޑްމިން ހޭދަ: 6.5 ބިލިއަން (2019ގައި 7.1 ބިލިއަން)
  • މިހާތަނަށް ޖުމްލަ ކެޕިޓަލް ހަރަދު: 6.5 ބިލިއަން (2019 ގައި 5.2 ބިލިއަން)
  • މިހާތަނަށް ޑިވްލޮޕްމަންޓް ޕްރޮޖެކްޓަށް: ދެ ބިލިއަން (2019 ގައި 1.2 ބިލިއަން)

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ލިބޭނެ ކަމަށް އަންޒާދާކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި 35 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ނަމަވެސް ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އާމްދަނީ 50 ޕަސެންޓް ދަށްވާނެ އެވެ. މި އަހަރު ނިމޭއިރު ލިބޭނެކަމަށް ބެލެވެނީ 15 ބިލިއަން ރުފިޔާ އެވެ.