ފޭރުން

ރޫޓް ފޭރުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު އާންމުކޮށްފި

ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން ހަމަލާއެއް ދިނީ މި ހަފުތާގެ އާދީއްތާ ދުވަހު އެވެ. ހެލްމެޓު އެޅި ހަތަރު މީހަކު ގޮސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރި ނަމަވެސް، އެ ކަން ހުއްޓުވީ، އެ ވަގުތު އެތާނގައި ތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އެވެ.

ރޫޓުގެ އޮފިޝަލެއް މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާތަކުގެ އަދަަދު 4.5 މިލިއަނަށް އަރާނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު ޒުވާނެއްގެ ފޮޓޯ އާންމުކޮށްފައެވެ. އެއީ ވ. ޕިންކްވިލާ، އަހްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ. ފުލުހުން ބުނީ ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވެނީ އެ ހަތަރު މީހުން ކަމަށެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށްވެސް ބުންޏެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ޖަހައިދީފައެވެ.

ރޫޓުގެ ފައިސާތައް ފޭރެން މަސައްކަތް ކުރި ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ރޫޓުގެ ވެހިކަލް ފަހަތުން ގޮސް ބޭންކް އޮފް ސިލޯންގެ ދޮރުމަތީގައި މަޑުކުރެ އެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުން މީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރު ފެނެ އެވެ. ވެހިކަލްގައި ތިބި މީހުންގެ ލޮލަށް ސުޕްރޭ ޖަހާތަން ވެސް ވީޑިއޯގައި ފެނެ އެވެ.

ބޭންކުގެ ސެކިއުރިޓީންނާއި ރޫޓުގެ މުވައްޒަފުން އެއްވާން ފެށުމުން އެ ހަތަރު މީހުން ވަނީ ވެހިކަލްގަ ހުރި ބޮޑު ފޮށިގަނޑެއް ނެގުމަށް ބެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު މި މީހުންނަށް އެކަން ކާމިޔާބު ނުވެ ސެކިއުރިޓީން ވަނީ އެ މީހުން ހިފަހައްޓާ ފައިސާތައް ސަލާމަތް ކޮށްފަ އެވެ.