އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީގެ ހަރަކާތްތެރި މެންބަރު ފުރަހަނި ޝުއައިބު އަލީ ވިދާޅުވެ ތުހުމަތުތަކެއް ކުރައްވައިފި އެވެ.
މި ވަގުތު ސްރީލަންކާގައި ދިރިއުޅުއްވާ ޝުއައިބަކީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރެވެ. އޭނާ ހުންނެވީ އެމްޑީޕީގެ ބައެއް ވެރިންނަށް ނިސްބަތްވާ ކާޓޫނުތަކެއް ކުރައްސަވައިގެން ސަސްޕެންޑް ކޮށްފައެވެ.
ޓްވީޓް ކުރައްވައިގެން އެމްޑީޕީގެ ސިޔާސަތުތަކަށާއި ރައީސް ނަޝީދަށް ފަހަކަށް އައިސް ފާޑު ވިދާޅުވާ ޝުއައިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ރައީސް ނަޝީދު ކަމަށާއި އަދި އެ ފައިސާއިން އެމްޑީޕީގެ ލީޑަރުންނަށް ސޮދަގާތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބިން ވިއްކުމާއި ރައީސާއި ނައިބު ރައީސްގެ އުމުރަށް ބަދަލު ގެނައީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ސީދާ ރައީސް ނަޝީދު ފޮނުއްވެވި އަމުރުތަކަށް ކަމަށެވެ. އެ ހަގީގަތްތަކުގެ މައްޗަށް ފަސް އަޅައި ނުފޮރުވޭނެ ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ.
ޝުއައިބަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އެ މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އިސް މަގާމެއް ވެސް ޝުއައިބު ފުރުއްވެވި އެވެ. އެކަމަކު ދެވަނަ ފަހަރަށް އެމްޑީޕީއަށް ވެރިކަން ލިބި މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބުމާ ހަމައިން ފެށިގެން ޝުއައިބު ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.
އެމްޑީޕީގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި ޝުއައިބުގެ ވާހަކަތައް މިހާރު ހުރީ ނަޝީދާ ދެކޮޅަށެވެ.