ހަބަރު

ފޭރުނު މައްސަލައާ ގުޅޭ ކޮމިޓީ ސިއްރުކޮށްފި

ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލާގައި ކަމާ ބެހޭ މުއައްސަސާތަކާއެކު، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.

މިދިޔަ މަހު 25 ގައި، ބެންކް އޮފް ސިލޯން އިން ފައިސާތަކެއް ފޭރެން އުޅުނު މައްސަލަ އާއި ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ގިނަވަމުން ދާތީ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކޮށްފައިވަނީ، ޑިފެންސް އާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިންނެވެ. ކޮމިޓީގެ ބައްދަލުވުން ފަށާފައިވަނީ ހެނދުނު 10 ޖެހި އިރު އެވެ.

މި ކޮމިޓީގައި، މަހަށް ދިޔަ ދޯންޏަކަށް ހަތިޔާރު ކަމަށް ބެލެވޭތަކެއްޗާއެކު ބަޔަކު ގަދަކަމުން އެރި މައްސަލާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ފުލުހުންގެ ފަރާތުން، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ފޭރުނު މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަަމަށްވުމުން އާއްމު ފޯރަމެއްގައި ނުދެއްކޭނެ ވާހަކަތަކެއް ހުރުމާއެކު ސިއްރު ކުރަން އެދޭ ކަމަށެވެ.

ސިއްރު ކުރުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި އެސިސްޓަންޓް ކޮމިޝަނާ ވިދާޅުވީ މި މައްސައާ ގުޅިގެން ފަސް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށާއި އޭގެ ތެރެއިން އެކަކީ، މީގެ ކުރިންވެސް ކުށުގެ އެކި މައްސަލަތަކުގައި ޖަލުގެ ހުކުމްވެސް ތަންފީޒްކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި، މިހާރު ކުށްތަކަށް އަރައިގަންނަ މީހުންނަކީ އަމިއްލަ އަށް އެކަންކަން ޖަސްޓިފައިކޮށްގެން އެއީ، ކުރުން ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކޮށްގެން ކުށް ކުރާ މީހުން ކަމަށް ފާހަގަވާ ކަމަށެވެ.

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެމުގެ ހަމަލާއެއް ދިނީ މިދިޔަ ހަފްތާގެ އާދީއްތާ ދުވަހު އެވެ. ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރި ނަމަވެސް، އެ ކަން ހުއްޓުވީ، އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އެވެ.

ރޫޓުގެ އޮފިޝަލެއް މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާތަކުގެ އަދަަދު 4.5 މިލިއަނަށް އަރާނެ އެވެ.