ހަބަރު

ޑެންގީ ހުންޖެހުނު ކަނޑުހުޅުދޫ ކުއްޖަކު މަރުވެއްޖެ

  • މަރުވީ ފަސް އަހަރުގެ ކުއްޖެއް
  • ކަނޑުހުޅުގައި ހުމުގެ ރޯގާ ވަނީ ފެތުރިފައި
  • މުލީގައި ވެސް ގިނަ ބަޔަކު ހުމާ

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ގއ. ކަނޑުހުޅުދޫގައި އުޅެމުން އަންނަ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖާ މަރުވީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ ޑެންގީއަށް ޝައްކު ކުރެވިގެން އެ ކުއްޖާއަށް ފަރުވާދޭން ފެށީ އިއްޔެ ކަމަށާއި އެ ކުއްޖާގެ ޓެސްޓް ކުރުމުން ޑެންގީއަށް ޕޮޒިޓިވްވި ކަމަށާއި ގެންދިޔައި އިރުވެސް ގެނައިއިރު ވެސް ހާލު ސީރިއަސް ކަމަށެވެ.

ކުޑަކުއްޖާ މަރުވީ މާލެ ގެނައުމަށް މަސައްކަތް ކުރަނިކޮށް މިއަދު ހެނދުނު އެވެ. މި ކުޑަކުއްޖާ މަރުވި ނަމަވެސް ޑެންގޫގެ އިތުރު ކޭހެއް ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެއެވެ. ނަމަވެސް ކަނޑުހުޅުދޫގައި ވެސް ވައިރަލް ފީވާ ފެތުރިފައިވާ ކަމަށް ވެ އެވެ.

ޑެންގީ ހުންޖެހިގެން ކުޑަކުއްޖަކު މަރުވި އިރު މި އަހަރު ތެރޭގައި ޑެންގީގެ ހުން ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރުނެވެ. މިހާރުވެސް 1200 އެއްހާ މީހުން އުޅޭ މ. އަތޮޅު މުލީގައި އާދަޔާހިލާފު ހުމުގެ ރޯގާއެއް ފެތުރިފައިވާ ކަމަށް އެ ރަށުން ބުންޏެވެ.