ރަހީނު ކުރުން

ޝިރުމީނާ ރަހީނު ކުރުުމުގެ ސުވާލުތައް!

Nov 4, 2020
5

އޮކްޓޫބަރު 31، 2020 ގެ މެންދުރެއްހާއިރު ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރުގެ ހަބަރެއް ނުވެ ގިނަ އިރުވެއްޖެކަން އާއިލާއަށް އެނގިއްޖެ އެވެ. އެކަން ފުލުހަށް ރިޕޯޓް ކުރުމުން ޝިރުމީނާ ގެއްލިގެން ފުލުހުން ހޯދަން ފަށައިފިކަން ވެސް އިއުލާނު ވެއްޖެ އެވެ. އެއީ މިދިއަ އާދީއްތަ ދުވަހެވެ. ޝިރުމީނާ ދިރިއުޅެމުން އައީ މާލޭގަ އެވެ. އާއިލީ ކުޑަ ފިހާރައެއް ހިންގުމުގައި އޭނާ އިސްވެ އުޅެ އެވެ. އޭނާ ގެއްލިގެން ސާޗް އޮޕަރޭޝަނެއް ހިނގަމުން ދަނިކޮށް ހޯމަ ދުވަހު ހެނދުނު ކުއްލިއަކަށް ފެނުނީ ގޭގެ ސިޑިކައިރިއަށް ވެއްޓިފައި އޮއްވަ އެވެ.

ގޭގެ ސިޑި ކައިރިން ޝިރުމީނާއަށް ބުނެ ދެވުނީ ވަރަށް މަދު ވާހަކަތަކެކެވެ. އެ ވާހަކަތަކުން އެނގުނީ ބަޔަކު އޭނާ ރަހީނު ކުރުމަށް ފަހު އަނިޔާކޮށް ފޭރުނު ކަމެވެ. އެ ވަގުތުން ފެށިގެން ޝިރުމީނާ 33، އަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ. ފުލުސް ތަހުގީގެއް ހިނގަމުން އެބަދެ އެވެ.

އެކަމަކު މިއީ ވަރަށް ހައިރާން ކުރުވާ ގޮތަކަށް އައި ކަމެކެވެ؛ ހޮނިހިރު ޝިރުމީނާ ދިޔައީ ކިހިނެއް ހެއްޔެވެ؟ ވަރަށް ބޮޑަށް އަނިޔާކޮށްފައި ވަނިކޮށް ޒަހަމްތަކާއެކު ގެއަށް އައީ ކޮން ގަޑިއެއް ގައި ކިހިނެއް ހެއްޔެވެ؟ ބަޔަކު ގެނެސް ގެއާ ހަމައަށް ލީ ހެއްޔެވެ؟ ހިނގާފައި އައީ ހެއްޔެވެ؟

އެންމެ ފުރަތަމަ ވެސް އެންމެ އިސްކަމެއް ދޭން ޖެހުނީ ޝިރުމީނާއަށް ފަރުވާ ދޭށެވެ. އެގާރަ މެންބަރު ހިމެނޭ އާއިލާއިން ޝިރުމީނާގެ އެއް ބޭބެ ބުނި ގޮތުގައި ކޮއްކޮ ފެނުނު އިރު ވަރަށް ހާލު ދެރައެވެ. ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ. ނަމަވެސް މިހާރު ހާލު މަޑުމަޑުން ރަނގަޅުވަމުން ގޮސް ވަނީ ގެއަށް ދޫކޮށްލާފަ އެވެ. އެކަމަކު އޭނާގެ ކޮއްކޮއށް އަދިވެސް ވާހަކަ ދައްކާލެވޭ ވަރެއް ނުވެ އެވެ. ނަފުސާނީ ގޮތުން އަދި ފިޓެއް ނޫނެވެ.

ޝިރުމީނާ ފެނުނު އިރު އޭނާގެ ލޯ މަތީގައި ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވެއެވެ. ގައިގެ އެކި ތަންނުގައި އެކިވަރުގެ ޒަހަމްތައް ހުއްޓެވެ. ކަޓަރު ވެސް އަޅާފައި ވެއެވެ. އަދި އޭނާ އިސްވެ ހުރެގެން ހިނގަމުން ދިޔަ ފިހާރައަށް ބާޒާރު ކުރަން ގެންދިޔަ 25،000ރ. އޭނާގެ އަތުން ފޭރިގެންފައި ވެއެވެ.

"ލޯ މަތީގައި ވެސް ޖަހާފައި ހުރި ނިޝާން ހުރި، މޫނުމަތި ފަޅާލައި އަތުގައި ކަޓަރު އަޅާފައި ވެސް ހުރި، އެހެންވެ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި އަދުވެސް ހުރީ،" އާއިލާގެ މެންބަރަކ ބުންޏެވެ.

ޝިރުމީނާއަކީ މަސައްކަތުގައި ހީވާގިކޮށް އުޅެމުން އައި މީހެކެވެ. އަދި އެއީ ސައިކަލުގައި އުޅޭ މީހެކެވެ. އާއިލާގެ މެންބަރުން ސިފަ ކުރާ ގޮތުގައި އެއީ "ހިތްވަރު ގަދަ ކުއްޖެ" ކެވެ.

އެހެން ހުރިހާ ކަމެއްގައި ވެސް ވާގޮތަށް ޝިރުމީނާ ރަހީނު ކުރި މައްސަލައިގައި ވެސް "ސޯޝަލް މިޑިއާ ބަހުސެ" އް އެބައޮތެވެ. އެ ބަހުސްގައި ބައިވެރިވާ ބައެއް މީހުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ޝިރުމީނާ ބާޒާރު ކުރަން ދިޔައީ ސައިކަލްގަ އެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެ ދުވަހު ޝިރުމީނާ އުުޅުނީ ހިނގާފަ އެވެ. އެހެން ބައެއް މީހުން ބުނާ ގޮތުން އޭނާ އެ ދުވަހު އުޅުނީ ރައްޓެއްސެއްގެ ސައިކަލް ފަހަތުގަ އެވެ.

މިއިން ކޮންމެ ގޮތަކަށް ވެސް ކަން ހިނގާފައި އޮވެދާނެ އެވެ. އެކަމަކު ޝިރުމީނާ ފެނުނު އިރު އޭނާގެ ސައިކަލް ހުރީ ކޮންތާކު ހެއްޔެވެ؟ އެކަމެއް އަދި ސާފުވެފައެއް ނެތެވެ. އާއިލާގެ އެއް މެންބަރަކު ބުނި ގޮތުގައި އެކަން ޖެހޭނީ ބަލައިލާށެވެ.

ޝިރުމީނާ، އޭނާގެ ކޮއްކޮއަކާއެކު އޭނާ އިސްވެ ހިންގާ ވިޔަފާރީގައި އާންމުކޮށް ބާޒާރު ކުރަނީ ސައިކަލްގައި ގޮހެވެ. އެކަން ޔަގީން ވެއެވެ. އަދި އޭނާ ގެއްލުނު ދުވަހު މެންދުރު އޭނާ ދިޔައީ ވެސް އެ ފިހާރައަށް މުދާ ގަންނާށެވެ. ގެއްލުމުގެ ކުރިޔަށް އެންމެ ފަހުން ވާހަކަދެއްކީ އޭނާއާއެކު ވިޔަފާރި ހިންގަން އުޅޭ ކޮއްކޮއާ އެވެ.

ޝިރުމީނާ ގެއްލުނުކަން އެނގުނު އިރު ވެސް އަދިި އެކަން ފުލުހުންނަށް ރިޕޯޓު ކުރި އިރު ފޯނު ވެސް އޮތީ ނިއްވާލާފަ އެވެ. ނަމަވެސް އެރޭ ދަންވަރު 1:30 އެހާކަންހާއިރު ފޯނު އޮންވި އެވެ. އެ ފޯނުން ޖަވާބެއް ނުދެ އެވެ. އެކަމަކު އޭގެ އަނެއް ދުވަހު "މިހުރީ ރައްޓެއްސަކާއެކުގައި" ކަމަށް އަދި "ގެއަށް ދާނަން" ކަމަށް ބުނެ އާއިލާގެ މެންބަރަކަށް މެސެޖް ކުރި އެވެ.
އެއީ އަދި ކައިވެންޏެއް ކޮށްފައި ނުވާ ޝިރުމީނާ ބައެއްގެ އަތްދަށުވެއްޖެ ކަމަށް ޝައްކު އުފެދުނު ހިސާބެވެ.

"އެ މެސެޖާ ހިސާބުން ވެސް އަޅުގަނޑުމެންނަށް ޝައްކުވި،" އާއިލާގެ އެ މެންބަރު ބުންޏެވެ.

ޝިރުމީނާގެ އާއިލާއިން ބުނާ ގޮތުގައި ޝިރުމީނާގެ ފޯނުގެ ލޮކޭޝަން ހޯދަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެއީ ސީދާ ކޮން ލޮކޭޝަނެއްކަން ޔަގީންވެފައެއް ނުވެއެވެ. ފަހުން އެނގުނު ގޮތުގައި ޝިރުމީނާ އަތުގައ ދެ ފޯނެއް އޮތެވެ. އެ ދެ ފޯނުވެސް ވަނީ އޭނާގެ ރަހީނު ކުރި މީހުންގެ އަތުގަ އެވެ.

ޝިރުމީނާ ރަހީނުކުރި ކަމަށް ޝައްކުކޮށް އެ މައްސަލައިގެ ތުހުމަތަށް އިއްޔެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވެއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހެކެވެ. ބައެއް މައުމޫލާމަތުތަކުން އެނގޭ ގޮތުގައި ޝިރުމީނާ ބާޒަށް ނުކުމެ ފުރަތަމަ މަސައްކަތް ކުރީ ފިހާރައަށް ބޭނުންވާ ސިނގިރޭޓް ގަންނާށެވެ. އޭނާ އާދަވެ ސިނގިރޭޓް ގަންނަ ފިހާރަ ހުންނަނީ ހުޅުމާލޭ ފެރީ ޓާމިނަލާ ކައިރީގަ އެވެ. އޭނާ ރަހީނު ކުރުމުގައި އެއް އުމުފުރައެއްގެ ހަތަރު މީހަކު ބައިވެރިވި އެވެ.

ޝިރުމީނާ ރަހީނު ކުރުމުގެ ކުރިން ނުދަންނަ ނަމްބަރަކުން މީހަކު ގުޅައި ހަދަމުން ދިޔައެވެ. އޭނާ ގެއްލުނީ އޭގެ ދެ ދުވަސް ފަހުންނެވެ. އެ ނަމްބަރުން ގުޅާތީ "ޓްރޫކޯލާ" އެ ޕް ބޭނުކޮށްގެން އަރާ ނަންވެސް ބެލި އެވެ. ނަމަވެސް އެ ފޯނު ނެތުމުން އެ ނަން އެނގިފައެއް ނުވެއެވެ.

"ބެލެވެނީ ރަހީނުކޮށްފައި ވަނީ ބާޒަރު ކުރަން ނުކުމެ ފުރަތަމަ ފިހާރައަށް ބޭނުން ސިނގެރޭޓް ގަންނަނ ދަނިކޮށް ކަމަށް،" އާއިލާގެ މެންބަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝިރުމީނާގެ ހާލަތު ހުރި ގޮތުން މިހާތަނަށް ވެސް މާ ގިނަ ވާހަތަކެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް ކަން ހިނގާފައިވާ ގޮތާއި ޝިރުމީނާގެ ފަރާތުން އައި މަދު ވާހަކަތަކުން އެނގުނު ކަން ކަމަށް ބަލާއިރު ޝިރުމީނާ ރަހީނުކޮށްފައި ވަނީ ފައިސާގެ ބޭނުމުގަ އެވެ އެހެން ބޭނުމެއް ނެތެވެ. އަދި ބައެއް ވާހަކަތަކުން ޝިރުމީނާއަކީ އޭނާގެ ރަހީނު ކުރި މީހުންގެ އަސްލު "ޓާގެޓް" ނޫން ކަމަށް ވެސް ދޭހަ ވެއެވެ. އޭނާ ރަހީނު ކުުރެވުމާއި އަތުގައި 25،000 ރުފިޔާ ކުރުމުން ހިފައހަޓައިގހެން ގެންގުޅެ އަނިޔާކޮށް ހެދީ ކަމަށް ދޭހަ ވާން ވެސް ދެ އެވެ.

ޝިރުމީނާ ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ތަހުގީގެއް ހިނގަމުންދާތީ އާއި ޝިރުމީނާ ނަފްސާނީ ހާލަތު އޮތް ގޮތުން އޭނާ ރަހީނު ކުރު މައްސަލައި ފަހަތުގައިވާ ސިއްރުތައް އެނގޭން އަދި ވަގުތު ކޮޅެއް ނަގާނެ އެވެ.