ވިޔަފާރި

މޯލްޑިވިއަންގެ އާ ބޯޓް ރާއްޖެ އަތުވެއްޖެ

  • މޯލްޑިވިއަންގެ ފްލީޓްގައި 16 ބޯޓް
  • އާ ބޯޓް ގެނައީ އިސްލާމިކް ފައިނޭންސްގެ ދަށުން
  • ހަތަރު ބޯޓެއް އަން އަހަރު އަމިއްލަވާނެ

މޯލްޑިވިއަންގެ އާ ބޯޓު ދާދި ދެންމެއަކު ރާއްޖެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ޖައްސައިފި އެވެ.

މި ބޯޓް ގެނައުމުން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މޯލްޑިވިއަންގެ ފްލީޓްގައި 16 ބޯޓް ހަމަވީ އެވެ.

މޯލްޑިވިއަންގެ އުދުހުންތައް ބާއްވާ އައިއޭއެސް ޑޭޝް އަށެއް މަރުކާގެ 50 ގޮނޑީގެ މި ބޯޓު އައިއެންއޭއްސީ މިއަދު މެންދުރު 11:15 އިގަ އެވެ. މި ބޯޓު ގެންނަނީ އިސްލާމިކް ފައިނޭންސްގެ ދަށުންނެވެ.

ބޯޓު ގެނައުމަށް އައިއެންއައިއޭ ވީއައިޕީ ލައުންޖުގައި މައުލޫމާތު ދެއްވަމުން އައިއެސްއޭގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި ބޯޓު ބޭނުންކުރަން ފަށާނެ ކަމަށެވެ.

"މިއާއެކު އަޅުގަނޑު އުންމީދު ކުރަނީ ދެމުން ގެންދާ ހިދުމަތްތައް އެތައް ގުނައެއް ރަނގަޅު ވެގެންދާނެ ކަމަށް. މިހާރުވެސް މެޑިކަލް އިވެކުއޭޝަންވެސް އާދެ. ބައެއް ބޭފުޅުން ބޯޓު ޗާޓަރު ކުރަންވެސް. ނަމަވެސް މިހާރު ބޭނުންވާ ގަޑިއަށް އެޅުމަށް ދަތިތަކާ ދިމާވެ،" ހާރިސް ވިދާޅު އެވެ.

"މި ބޯޓާއެކު ޑޭޝް އެއިޓްގެ އަށް ބޯޓު ވާނެ. މި ބޯޓު ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކާއި ޓްރިވެންޑްރަމްއަަށް. މީގައި ވަަރަށް ބޮޑު މަސްއޫލިއްޔަތެއް އަޅުގަނޑުމެންނަށް އޮވޭ. ބަލިމީހުން އުފުލުމުގެ މަސްހޫލިއްޔަތު އޮވޭ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމުގެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމުގެ މަސްހޫލިއްޔަތެއް ވެސް އުފުލަން ޖެހޭ."

އޭނާ ވިދާޅުވީ ސަރުކާރުން މެންޑޭޓް ކުރައްވާފައިވަނީ އެތެރޭގެ އުދުހުންތައް ފަސޭހަ ވާނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

"ސަރުކާރުން އޮތީ އަންގަވާފަ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށްވެސް. އޭގެދަށުން މި މަސައްކަތް ކުރަނީ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަންގައި ޑޭޝް 8ގެ ބޯޓު ފަހަރުގެ އިތުރުން އެއާބަސް 300 މަރުކާގެ ދެ ބޯޓުވެސް މިހާރު ބޭނުން ކުރެ އެވެ.