ހަބަރު

ދައުލަތުގެ ހެކި ހާޒިރު ނުކުރެވިގެން އަނަސް ޝަރީއަތް ކެންސަލް

މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހާޒިރު ކުރަންޖެހޭ ހެކި ހާޒިރު ނުކުރެވުމުން، މިއަދަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ވެއްޖެ އެވެ.

ޒަހަމްކޮށްލައި އަނިޔާވެރި ގޮތަކަށް އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. މި މައްސަލާގައި މިހާރު ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

މިއައަދަށް ތާވަލްކުރި އަޑު އެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގަން ތާވަލުކުރި އަޑުއެހުމެކެވެ. އެކަމަކު ހެކިން ހާޒިރުނު ކުރެވިގެން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. ހެކިން ހާޒިރު ނުކުރެވުނު ސަބަބެއް ނުބުނެ އެވެ.

އަނަސް މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި، އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޑރ. އިބްރާހިމް މޫމިން ހެކިބަސް ދެއްވި އެވެ. އޭނާ ވިދާޅުވީ އަނަސް އަށް ދީފައިހުރީ ވަގުތުން މަރުވެދާނެ ފަދަ ހަމަލާތައް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށާއި ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އަދި އެ ދުވަހު ޝަރީއަތުގައި ވިދާޅުވީ މަރުވީ ލިބިފައިވާ ޒަހަމްތަކާއި އަނިޔާގެ ސަބަބުން ކަމަށާއި އޭނާގެ ހަށިގަނޑުން ލޭ މަދުވެ ފުއްޕާމެއަށް ވެސް ޒަހަމްތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

މަރުގެ މި މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.