ވިޔަފާރި

މޯލްޑިވިއަން އިން ދެއަހަރު ތެރޭގައި 400 ވަޒީފާ އުފައްދައިފި

މޯލްޑިވިއަންއިން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 400 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންއިން އަލަށް ގެނައި ޑޭޝް 8 މަރުކާގެ ބޯޓު ރާއްޖެ އައުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ޕްރޮފެޝަނަލް ގިނަ ވަޒީފާތަކެއް ކުންފުނީގައި އުފެދިފައިވާ ކަމަށެވެ.

"މި ވަޒީފާތައް އިތުރުވީ ސީޕްލޭން ފެށިގެންނާ. ޗައިނާގެ ފަސް ޑެސްޓިނޭޝަނަކަށް އުދުހެން ފެށުމާއި ޖެޓް އެއާކްރާފްޓް ގެނައުމުން. މީގައި އުފެދޭ ވަޒީފާތަކަކީ ސްކިލްޑް ޕްރޮފެޝަނަށް ވަޒީފާ. އަޅުގަނޑުމެންގެ މަގުސަދަކީ އެއާލައިންތަކުގައި ދުއްވާ ޕައިލެޓުނާ އިންޖިނިއަރުންނަކީ ވެސް ދިވެހިންނަށްވުން. މިހާރު އިރާދުކުރެއްވިއްޔާ ޖެޓް އެއާކްރާފްޓް ދުއްވާވެސް ދިވެހިން ތިބޭނެ. ޑޭޝް 8 ބޯޓު ފަހަރު ދުއްވަން ވެސް ގިނައިން ތިބޭނީ ދިވެހިން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު އުންމީދަކީ ދިވެހިން ތަމްރީންކޮށް ވަޒީފާތަކަށް ދިވެހިން ނެރުން ކަމަށެވެ.

"އަލަށް ގެނައި މި ބޯޓުގެ ސަބަބުންވެސް އިތުުރު ވަޒީފާތަކެއް އުފެދިގެންދާނެ،" ހާރިސް ވިދާޅުވި އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 16 ބޯޓް އޮވެ އެވެ.