ދައުލަތުން ހަމަޖައްސާ ވަކީލަކު ބޭނުން ނުވާ ކަމަށާއި ވަކީލަކު ހަމަޖައްސަން ބޭނުންވަނީ އަމިއްލައަށް ކަމަށް، މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީގެ ނުވަ އަހަރު ކުރިން މަރާލާފައިވާ، އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ދެ މީހުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.
އަހުސަން ބަޝީރު މަރާލާފައި ވަނީ 2011 ވަނަ އަހަރު އެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒުގެ މައްޗަށެވެ. މި ދެމީހުންނަށްވެސް ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓްގައި އިސްތިއުނާފް ކޮށްފަ އެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝިމާޒާއި ޝަހުމްގެ ވަކީލުން ވަނީ މައްސަލައިން ތަނާޒުލް ވެފަ އެވެ. އެހެންކަމުން އާ ވަކީލުން ހަމަޖައްސަން ބޭނުންވަނީ ކިހިނެތްތޯ ފަނޑިޔާރު ވަނީ ސުވާލު ކުރައްވާފަ އެވެ. މިބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ ހަރަދުގައި ވަކީލުން އައްޔަން ކުރެވެ އެވެ. އެކަމަކު އެ ދެމީހުންވެސް ބުނީ ވަކީލުން އައްޔަން ކުރަން ބޭނުންވަނީ އަމިއްލައަށް ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ.
ކުރިމިނަލް ކޯޓުން މި މައްސަލަ ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން މި ދެމީހުންގެ ތެރެއިން ޝިމާޒް ވަނީ މިނިވަން ވެފަ އެވެ. އެކަމަކު 2010 ވަނަ އަހަރު ސޯޝަލް ސެންޓަރު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ޝަހުމް ގެންދަނީ ތަންފީޒު ކުރަމުންނެވެ.
މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަން ކުރުމަށް ދެ މީހުންނަށްވެސް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި މިއީ ވަކީލަކު އައްޔަން ކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި މި މުއްދަތުގެ ތެރޭގައި ވަކީލަކު އައްޔަން ނުކޮށްފިނަމަ ދައުވާ އަށް ޖަވާބުދާރީ ވާން ޖެހޭނީ އަމިއްލަޔަށް ކަމަށް ފަނޑިޔާރުންގެ ބެންޗުން ކަނޑައެޅިއެވެ. މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ފަނޑިޔާރުންގެ ބެންޗުން ވަނީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޝިޔާޒާއި ޝަހުމް ވަކީލަކު އައްޔަން ނުކުރި ނަމަވެސް މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ މިއަދު ޝަރީއަތް ނިންމަވާލައްވާފަ އެވެ.