ދައުލަތުގެ ބަޖެޓް

އަންނަ އަހަރަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައފިި

އަންނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލީހަށް ބަޖެޓް ހުށަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ބަޖެޓު މި ހުށަހަޅަނީ ކޮވިޑް-19 އާއެކު ދުނިޔެ އާއި ރާއްޖޭގެ އިގްތިސޯދަށް ތަދު މަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަމަށާއި، މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިގްތިސޯދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށެވެ.

"ކޮވިޑް-19 އިގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދުގެ ސައިޒު، މި ހިނގާ 2020 ވަނަ އަހަރު މިވަނީ 29.3 އިންސައްތައިން ކުޑަވެފައި. މިއީ ތަހައްމަލުކޮށް، އިސާހިތަކު އަނބުރާ އަރައިގަންނަން ފަސޭހަ މިންގަނޑެއް ނޫން. އިގްތިސޯދު އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ރޭވިފައި ވާނީ ކޮވިޑް-19 ގެ އިގްތިސޯދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާ ވެސް އަވަހަކަށް އަރައިގަނެ، "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒު ކުރުމުގެ މައްޗަށް ކަމަށެވެ. މިގޮތުން، ރާއްޖޭގެ ތަރައްގީ އާއި ހިދުމަތްތައް ލާމަރުކަޒުކުރުމާއި، ސަރަހައްދީ ތަރައްގީ ބާރުމިނުގައި ގެނައުމަށް އިންވެސްޓްކުރާ ތަން މި ބަޖެޓުން ފެންނާނެ ކަމަށެވެ.

"ރާއްޖޭގެ އިގުތިސޯދު އަލުން އަރާސްތު ކުރުމުގެ މަސައްކަތް ހިމެނޭނެ. ކޮވިޑް-19 އާއެކު، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ފެންނާނެ. މި ކަންކަމަށް މި ބަޖެޓުން ޖާގަ ހޯދާފައިވާނީ ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން. ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި، މުހިއްމު ޕްރޮގްރާމްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަން ދީފައިވާނެ،" އަމީރު ވިދާޅުވި އެވެ.

މަޖިލީހަށް މިނިސްޓަރު އަމީރު ހުށަހެޅުއްވި ބަޖެޓުގެ މައިގަނޑު އަމާޒު ކޮށްފައި ވަނީ ކޮވިޑް-19 ގެ ސިއްހީ އަދި އިޖުތިމާއި އަދި އިގްތިސޯދީ ގެއްލުމުން އަރައިގަތުމާއި އިގްތިސޯދު ހުޅުވާލުމުގެ އިތުރުން އިގްތިސޯދު ޑައިވާސިފައި ކުރުމަށެވެ. މީގެ އިތުރުން ސަރުކާރުގެ ހިންގުމާއި ހިދުމަތްތައް އިތުރަށް ލާމަރުކަޒު ކުރުމާއި ސަރަހައްދީ ތަރައްގީ ގެނެސް ދިނުން ވެސް ހިމަނާފައި ވެއެވެ.

އަދި މި ބަޖެޓުގައި ވިޔަފާރިތަކަށް ކުރިއަށް ދެވޭނެ ފަހި މާހައުލެއް ގާއިމް ކޮށް ދިނުމާއި އާއްމު އިޖުތިމާއީ ހިދުމަތްތަކާއި
ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއެރުވުން ހިމެނެ އެވެ. މީގެ އިތުރުން އިގްތިސޯދީ ކާރިސާތަކާ ކުރިމަތިލާނެ ގާބިލްކަން އިތުރު ކުރުމާއި މެދުރާސްތާގައި ފުދުންތެރި ދައުތަލެއް ބިނާ ކުރުން ވެސް ހިމެނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާ އެވެ.

2021 ގެ އާމްދަނީ

  • ޓެކުހުގެ އާމްދަނީ: 9.8 ބލިއަން ރުފިޔާ
  • ޓެކްސް ނޫން ގޮތް ގޮތުން: 5.7 ބިލިއަން ރުފިޔާ
  • ހިލޭ އެހީ އަދި އެހެނިހެން ގޮތް ގޮތުން: 2.2 ބިލިއަން ރުފިޔާ

2021 ގެ ހަރަދު

  • ރިކަރަންޓު ހަރަދު: 21.6 ބިލިއަން ރުފިޔާ
  • ޕީއައިއައިޕީ މަޝްރޫއު: 8.3 ބިލިއަން ރުފިޔާ
  • އެހެނިހެން ކެޕިޓަލް ހަރަދުތައް: 4.8 ބިލިއަން ރުފިޔާ

އަމީރު ވިދާޅުވީ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީއަކީ ނިސްބަތުން މަދު އަދަދެއް ނަމަވެސް، މިއަހަރަށް ވުރެ އެ އަދަދު 21 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އަނބުރާ އާންމު ލެވެލްއާ ހަމައަށް އަންނާނެކަމަށް ބެލެވެނީ 2023 ގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށެވެ.

"މިގޮތުން އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް އަންދާޒާކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރަށް ހުށަހަޅަނީ 15.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ބަޖެޓެއް ނަމަވެސް، އެކަން އެގޮތަށް ކުރަން ޖެހިފައި ވަނީ އިގުތިސާދު އިތުރަށް ގޯސްވިޔަ ނުދީ މި އަޑިގަނޑުން މައްޗަށް އެރޭތޯ މަސައްކަތް ކުރުމަށެވެ.

"ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން،" އަމީރު ވިދާޅުވި އެވެ.

މިގޮތުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭއިރު، މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 ޕަސެންޓްކަން އޭނާ ފާހަގަކުރެއްވި އެވެ.