މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަނަސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، މިއަދު ފުލުހަށް ހާޒިރު ކުރުމަށްފަހު ދާދި ދެންމެއަކު ދޫކޮށްލައިިފި އެވެ.
ޒިޔަތު ޕޮލިހަށް ހާޒިރު ކުރަން ފުލުހުން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 އަށެވެ. ނަމަވެސް ޒިޔަތު ހާޒިރުވީ 2:30 ގެ ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުވެފަ އެވެ. އޭނާ ދޫކޮށްލީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފުލުހުންގެ މައި އިދާރާގައި ބެހެއްޓުމަށްފަހު އެވެ.
މިއަދު ޒިޔަތު ހާޒިރު ކުރި އިރު ނޫސްވެރިންނާއި ފޮޓޯ ގްރާފަރުންނާއި، ތަނަށް އެއްވި މީހުން ވެސް ވަނީ ފަހަތަށް ޖައްސާފަ އެވެ. އަދި އެ ސަރަައްދަށް ކައިރި ނުވެވޭ ގޮތަށް ސަރަހައްދު ބަންދުކޮށް، ގިނަ އަދަދެއްގެ ފުލުހުން ވަނީ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓާފަ އެވެ.
ޒިޔަތު ފުލުހުންގެ އިދާރާއަށް ގެންދިޔަ ސަބަބެއް އެއްވެސް ފަރާތަކުން މިހާތަނަށް ރަސްމީ ސިފައެއްގައި ބުނެފައެއް ނުވެ އެވެ. ޒިޔަތާއި ބައްދަލުކުރަން ގޮސް މިއަދު ނޫސްވެރިން އެ ސަރަހައްދުގައި މަޑުކޮށްގެން ތިބި ނަމަވެސް، ފުލުހުންގެ ސެކިއުރިޓީ އާ ހެދި ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.
ފުލުހުންނަށް ޒިޔަތު ބަޔާން ދެއްވި ކަމެއް ވެސް އަދި ހަނު ހުންނެވި ކަމެއް ވެސް ސާފެއް ނުވެ އެވެ. ފުލުހުން ހަމައެކަނި ބުނީ ތަހުގީގު ހިނގާ މައްސަލައަކަށްވާތީ އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ޒިޔަތު ޕޮލިހަށް ހާޒިރު ވާން ޗިޓް ފޮނުވީ އިއްޔެ އެެވެ. ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ޒިޔަތުގެ ޕާސްޕޯސްޓް އިއްޔެ ހިފައްޓައި މިއަދު އޭނާ ފުލުހަށް ހާޒި ކުރި އިރު މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ އޭނާ ދިރިއުުޅުއްވާ ހ. ހިޔާކޯޅި އަށް ފުުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހިނގަމުން އަންނަ އެމްއެމްޕީއާރްސީއަށް ފުުލުހުންނާއި ސިފައިން ވަދެ އެ އޮފީސް ވެސް ވަނީ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ބަންދުކޮށްފަ އެވެ.
ޒިޔަތު ދިރިއުޅުއްވާ ހިޔާކޯޅި ބަލައި ފާސްކުރީ ބަލައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން މީހުންގެ ފޯނުކޯލްތައް އަޑުއަހާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ އާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ހުރެގެނެވެ.