ހަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީއާއެކު މަޝްވަރާތައް ބާއްވައިފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާއެކު ފޮރިން މިނިސްޓްރީން ރަސްމީ މަޝްވަރާތައް ބާއްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާއިރު އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި، ކޮވިޑުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ފަތުރުވެރިކަން ކުރިއެރުވުމާއި ސިއްހީ ދާއިރާ ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް އިހުތިރާމުގެ ޒިޔާރަތެއް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ވެސް ބައްދަލު ކުރައްވާނެ އެވެ.