ހަބަރު

ކައުންސިލް އިންތިހާބަށް 49 މިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް 49 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.

މި އަހަރު ބާއްވަން މަސައްކަތް ކުރި ކައުންސިލް އިންތިހާބު އަންނަ އަހަރު މާޗުގައި ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ރައްޔިތުން މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅުއްވި ބަޖެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއީ، އެންމެ ފުރަތަމަ މި އަހަރުގެ އޭޕްރީލްގައި ބާއްވަން އުޅުނު އިންތިހާބަށް ކަނޑައެޅި ބަޖެޓުން 31.5 މިލިއަންގެ އިތުރުވުމެކެވެ. ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާ އެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުން އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މި މަގާމުތަކަށް ކުރިމަތިލީ 2400 ކެނޑިޑޭޓުންގެ ތެރެއިން ބައެއް މީހުން ވަނީ ނަން ނަގާފައެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް ކަނޑައަޅާފަ އެއް ނުވެ އެވެ.