ހަބަރު

ބޮޑީ ކެމެރާ ބޭނުންކުރުން ފުޅާ ކުރަނީ

ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރުން އަންނަ އަހަރުން ފަށައިގެން ފުޅާ ކުރުމަށް ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ އާ ޕްރޮގްރާމްތަކުގެ ތެރެއިން ފުލުހުންގެ ބޮޑީ ވޯން ކެމެރާ އަށް އަންނަ އަހަރު ހަތަރު މިލިއަން ހަރަދު ވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި، 2022 އަހަރު ހަތް މިލިއަނާއި 2023 އަށް 800،000 ލަފާ ކޮށް ބަޖެޓުގައި ހިމަނާފައިވެ އެވެ.

ފުލުހުންނަށް ދޭ ބޮޑީ ވޯން ކެމެރާ ޓެސްޓު ކުރުމުގެ މަރުހަލާތަކެއް މި އަހަރު ކުރީކޮޅު ކުރިއަށްގެންދިޔަ އެވެ. މި ކެމެރާތައް ޓްރައިލްތަކެއްގެ ގޮތުގައި ކުރިއަށްގެންދިޔައީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުންގެ އެވެ.

ކެމެރާ ތަކާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވީ މި ކެމެރާއަކީ ފުލުހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކެމެރާއަކަށް ވާނެ ކަމަށެވެ. އަދި މިއީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުން އާންމުންނާއި މުއާމަލާތް ކުރުމާއި ފުލުހުންގެ ފަރާތުން ދިމާވާ އެކި ޝަކުވާތައް މަދުވެ ފުލުހުންނަށް ކުރާ އިތުބާރު ބޮޑު ކޮށްދޭނެ ވަސީލަތެއް ކަމަށެވެ.

2015 ވަނަ އަހަރުވެސް ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަ އެވެ.