- ރައީސަށް ހަމަލާދިނުން ގަބޫލެއް ނުކުރެވޭނެ
- މިއީ އަޅުގަނޑުގެ ތާއީދު އޮތް ސަރުކާރެއް
- އަޅުގަނޑު މިހުރީ ރައީސް ޔާމީނާއެކު
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް ތާއީދުކޮށް "އަސުރުމާ" ގެ ނަމުގައި ހިންގާ ވެބްސައިޓަކަށް ދެއްވި ކުރުކުރު އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ގައުމެއްގައި ގާނޫނީ ގޮތުން ހޮވާފައިވާ ވެރިޔަކަށް އަމާޒުކޮށް ހަމަލާދީ ފުރާނަފުޅަށް ގެއްލުން ދިނުމަކީ އަދި އެގޮތަށް މަސައްކަތް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"[ރިޔާސީ] ލޯންޗުކޮޅުގައި ހިނގައިދިޔައ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. އެއީ އަޅުގަނޑު ވަރަށް ނުގަބޫލު ކަމެއް އެއީ ވަރަށް ބޮޑު ޖަރީމާއެއް. އަޅުގަނޑުގެ ހިތުގައި ރައީސް ޔާމީނާމެދު އަދި ސަރުކާރާމެދުގައި ވަރަށް އިހުލާސްތެރި ޝުއޫރުތަކެއް އެބަހުރި،"
ގާސިމް ވިދަޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ އެމަނިކުފާނުގެ ތާއީދާއެކު ހޮނުވު ސަރުކާރެއް ކަމަށާއި އެހެން ކަމުން ރައީސް ޔާމީނާއި މި ސަރުކާރުގެ ގާނޫނީ ބާރު ގެއްލިގެންދާން ބޭނުންފުޅު ނުވާ ކަމަށެވެ.
"މި ސަރުކާރަކީ އަޅުގަނޑު ވެސް ތާއީދުކޮށްގެން ހޮނުވު ސަރުކާރެއް އަޅުގަނޑު ބޭނުމެއް ނުވޭ މި ސަރުކާރަށާއި ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރު ގެއްލި ދާކަށެއް އެހެންވީމާ މި ސަރުކާރު ދެނެހެއްޓުމަށްޓަކައި ހިމާޔަތް ކުރުމަށް ޓަަކައި ހުންނާނަން. ގާނޫނީ ގޮތުން ދެމެހެއްޓުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް،"
ގާސިމަކީ ރައީސް ޔާމީންގެ ސަރުކާރު ފެށުނު އިރު ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިވެރިޔާ އެވެ. ނަމަވެސް ފަހުން ދިމާވި މައްސަލަތަކަށް ފަހު ކޯލިޝަނާ ވަކިވި އެވެ. އަދި މި ސަރުކާރާ ދެކޮޅަށް ވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވަލާލައި ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ގާސިމާއި ރައީސް ޔާމީނާ ދެމެދު ވަނީ ގުޅުން ރަނގަޅުވެފަ އެވެ.