ފިނިޕޭޖް

އެކްޓަރު އާސިފް ބަސްރާ މަރުވެއްޖެ

ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން" ގައި ޝްރައްދާ ކަޕޫރުގެ ބައްޕަގެ ރޯލު އަދާކުރި އާސިފް ބަސްރާ މަރުވެއްޖެ އެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އާސިފް ދަންޖެހިފައި ހުރީ ހިމާޗަލް ޕްރަދޭޝްގެ ދަރްމަޝާލާގައި ހުންނަ އޭނާގެ ގޭގައި ކަމަށް ޑިސްޓްރިކްޓް ފުލުހުންގެ އިސް އޮފިސަރަކު ވަނީ ބުނެފަ އެވެ. އަދި މިހާރު ފޮރެންސިކް ޓީމެއް އެ ގޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ޑިޕްރެޝަންގެ މައްސަލަތަކެއް ދިމާވި އާސިފް ދަރްމަޝާލާގައި ހުންނަ ޕްރައިވެޓް ގެސްޓް ހައުސް އެއްގައި ދިރިއުޅޭ ފަސް ވަރަކަށް އަހަރު ވެއްޖެ ކަމަށް ވެސް ފުލުހުން ބުންޏެވެ، އޭނާ މަރުވި ސަބަބު ބަޔާންކޮށްދޭ އެއްވެސް ލިޔުމެއް އެ ގެއިން ފެނިފައެއް ނުވެ އެވެ.

އާސިފް، 53، ވަނީ "އޭކް ވިލަން"ގެ އިތުރުން "ޖަވް ވީ މެޓް"، "ކްރިޝް 3"، "ފަންނޭ ޚާން"، "ހިޗްކީ" ފަދަ ފިލްމުތަކުގައި ބައިވެރިވެފަ އެވެ. އަދި ދާދިފަހުން ރިލީޒްކުރި ވެބް ސީރީޒް "ޕަޓާލް ލޯކް" އާއި "ހޮސްޓެޖަސް ސީޒަން 2" ގައި ވެސް އޭނާ ބައިވެރިވެފައި ވެއެވެ.