ހަބަރު

އައިންތުގެ ކާރަށް ގެއްލުން ދިން ކަމަށް ތުހުމަތުކޮށް ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ގެއްލުން ދިން ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ. ވަހީދާގެ ކާރަށް ތަކުރާރުކޮށް ބަޔަކު/ މީހަކު ދަނީ ގެއްލުން ދެމުންނެވެ.

އެންމެ ފަހުން އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ އެ ކާރަށް ގެއްލިން ދިން ފަސް ވަނަ ފަހަރެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން މި މަހުގެ ފަސްވަނަ ދުވަހު އުމުރުން 26 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ. އަދި އޭނާގެ ބަންދަށް ދެ ފަހަރެއްގެ މަތިން މުއްދަތު ޖަހާފައިވެއެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ދެންވެސް ޖެހީ ފަސް ދުވަހެވެ.

އެ މައްސަލައާ ގުޅިގެން އިތުރު މީހަކު އިިއްޔެ ވަނީ ހައްުޔަރު ކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެެކެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ.

އައިމިނަތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. އޭނާގެ ކާރަށް ގެއްލުންދޭ މައްސަލަ މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ.

އައިންތު ބުނާ ގޮތުގައި، ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރަަށް، އިންޖީނު ވަގަށް ނެގުމާއި ފުރޮޅުގައި ކަޓަރު އެޅުން ކަހަލަ ކަންކަން ވެސް މިހާރު ކުރެ އެވެ. ކާރު ދުއްވަން ފެށިތާ އަހަރެއް ވީ ފަހުން، 2018 އިގެ ކުރީކޮޅު ކާރުގެ ކުރީ ވިންޑްސްކްރީނު ތަޅާލި އެވެ. އެއަހަރު ފަހުކޮޅު ވެސް ހަމަ އެކަހަލަ ހަމަލާ އެކެވެ. އެ ފަހުން މިދިޔަ އަހަރާއި މި އަހަރު ތިން ފަހަރަށެވެ. ކާރުގެ ކުރީ ބިއްލޫރި ގަނޑާއި ފަހަތު ބިއްލޫރިގަނޑު އެކީ ދުއްވާލި އެވެ. އޭގެ ތެރެއިން އެއް ހަމަލާ އަކީ ކަސްޓަމަރުން ތިިއްބާ ދިން ހަމަލާ އެކެވެ.

އޭގެ ގިނަ ހަމަލާތަކުގެ ތުހުމަތު އަައިންތު ކުރަނީ އޭނާގެ ކުރީގެ ފިރިމީހާ އަށެވެ. އެމީހާ އާއެކު އައިންތުއަށް ނޫޅެވުނީ ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އަމިއްލައަށް އާމްދަނީއެއް ހޯދަން މަޖުބޫރު ވެގެންނެވެ.