ހަބަރު

ބްރިޖްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ: މުއިއްޒު

  • މި މަހުގެ ތެރޭގައި ކޮންޓްރެކްޓާ ހަމަޖައްސާނެ
  • ކޮންޓްރެކްޓާ ކަނޑައަޅާނީ ޗައިނާއިން
  • ރާޅާ އަޅާ މީހުންނަށް އޮތީ އުފާވެރި ހަބަރު

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖް އަޅައިދޭ ކޮންޓްރެކްޓަރު މިމަހުގެ ތެރޭގައި ހަމަޖައްސައި އަންނަ މަހު ކޮންޓްރެކްޓާ ރާއްޖޭގައި ގާއިމުވެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، އެކަން ޔަގީން ކޮށްދެއްވައިފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖްގެ އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ހޯދަން ޗައިނާ ސަރުކާރުން ކުރި އިއުލާނަށް އެ ގައުމުގެ ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖިއޮގްރަޕީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލައި، ހުރި ގޮންޖެހުންތަކާއިއެކު މަސައްކަތް ކުރާނެ ދެ ކުންފުންޏެއް ޝައުގުވެރިވެ ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ޗައިނާއިން ފާހަގަކޮށްފައިވާ ކަމަށެވެ.

ޗައިނާ-މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖް މަޝްރޫއަށް ހުރި ބައެއް ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، އެހެން ބައެއް ގައުމުތަކުގެ ބްރިޖް ޑިޒައިން ކުރުމުގައި ދިމާ ނުވާ ގޮންޖެހުންތައް ރާއްޖޭގެ ބްރިޖް ޑިޒައިން ކުރުމުގެ ތެރޭގައި ދިމާވި ކަމަށް ބްރިޖް ޑިޒައިން ކުރި ޗައިނާގެ ކުންފުނިން ބުނި ކަމަށެވެ. އަދި ވިދާޅުވީ، ބްރިޖް އަޅާ ސަރަހައްދަކީ ވަރަށް ބޮޑަށް އޮއި ދެމޭ ފުން ސަރަހައްދަކަށް ވެފައި، އެ ސަރަހައްދުގެ ކަނޑުގެ އަޑީގެ ބިމުގެ ފަށަލަ ހުރީ ވަރަށް ތަފާތުކޮށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

"ޗައިނާއިން މީގެ ކުރިންވެސް ވަނީ ބުނެފައި މި ބްރިޖް އެޅޭވަރުގެ ގާބިލު ދެ ކުންފުންޏެކޭ އެގައުމުގައި އޮތީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވެސް އަދި ނޭނގެ ބްރިޖް އަޅާނީ ކޮން ކުންފުންޏަކުން ކަމެއް ބުނަން. އެކަމަކު ކޮންޓްރެކްޓާ ހަމަޖެހިގެންދާނެ މިމަހު. އެކަން ކުރާނީ ޗައިނާ ސަރުކާރުން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖްގެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތް ނޯމަލް ޝެޑިއުލްގައި މަސައްކަތް ކޮށްފިނަމަ 2018 ގެ ކުރީކޮޅު ބްރިޖް އެއްކޮށް ނިމޭނެ އެވެ.

ސުނާމީ ބިނާ ސަރަހައްދުން ފެށިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ރަންވޭ ނިމޭ ދެކުނު ކޮޅާ ހަމައަށް ކަނޑު އަޑީގައި ބުޑުތައް ޖަހައިގެން އަޅާ ދެ ކިލޯ މީޓަރުގެ ބްރިޖްގައި ތިން ކެޓަގަރީއެއްގެ ލޭން ހިމެނޭނެ އެވެ. އެއީ ދުއްވާ އެއްޗިއްސަށާއި ބައިސްކަލާއި ހިނގާފައި އުޅޭ މީހުންނަށް ހާއްސަކުރެވޭ ލޭނުތަކެކެވެ.

މިނިސްޓަރު ވިދާޅުވީ، ބްރިޖް ލޮކޭޝަން ކަނޑައަޅަން ކުރި ދިރާސާގައި، ބްރިޖްގެ ސަބަބުން މާލޭގެ ރާޅުގަނޑަށް އެއްވެސް ގެއްލުމެއް އަދި ބަދަލެއް އަންނާނެތޯ ބެލި ކަމަށާއި ޗައިނާގެ ކޮންސަލްޓަންޓް ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުން ބްރިޖްގެ ތަނބުތަކުގެ ސަބަބުން ރާޅު ބާނިތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ލޮކޭޝަނުގެ ވޭވް އެކްޝަން މިހާރަށް ވުރެވެސް ރަނގަޅުވާނެ ކަމަށް އެ ދިރާސާއިން ދައްކާފައިވާ ކަމަށެވެ.

"ސާފިންގައި އުޅޭ މީހުންނަށް ރާޅާ އަޅަން އުނދަގޫވާ ގޮތަށް ބާނިތަކަށް ބަދަލެއް ނާންނާނެ ކަމަށް ޗައިނާ އިން ބުނެފައިވަނީ. އެ ބޭފުޅުން [ބްރިޖް ރިސާޗް ޓީމް] ލަފާކުރާ ގޮތުން އެ ލޮކޭޝަން މިހާރަށް ވުރެވެސް ބޮޑަށް ރާޅާ އަޅާ މީހުން ރަނގަޅު ލޮކޭޝަނަކަށް ބަދަލުވާނެ. އެހެންވީމަ އެކަމާއި ގުޅިގެން ޒުވާނުން ކަންބޮޑުވާކަށް ނުޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތް ފަށަން ދެ ސަރުކާރު ތައްޔާރުވެފައިވާއިރު، އެ މަސައްކަތް ކުރަން އެސަރަހައްދުގެ 26 ތަނަކުން 70 މީޓަރު އަޑިއަށް ބޯހޯލް ވަނީ ތޮރުފާފައެވެ.

ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.