ހަބަރު

ބީއެމްއެލް ވެހިކަލް ލޯނުގެ އިންޓްރެސްޓް ކުޑަކޮށްފި

ބީއެމްއެލްގެ ވެހިކަލް ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓު އަދި ޕްރޮފިޓް ރޭޓަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބެންކް އޮފް މޯލްޑިވްސް އިން މިއަދު ބުނީ، މިއަދުން ފެށިގެން އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް %15 އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރާނެ ކަމަށެވެ. ކުރިން މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ހުރީ 18 ޕަސެންޓުގަ އެވެ.

އަދި މި ލޯނު އެއްވެސް އިތުރު ރަހުނަކާ ނުލާ 5 އަހަރުގެ މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ހަމަޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އުޅަނދަކީ އިލެކްޓްރިކް އުޅަނދެއްނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް 14 ޕަސެންޓުން 12 ޕަސެންޓަށް ދަށްވާނެ އެވެ. މީގެ ކުރިން ބީއެމްއެލުން އުޅަނދު ގަންނަން ލޯނާއި ފައިނޭންސިން ދޫކުރަނީ އެ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން އެކަނި ގަނެވޭ ގޮތަށެވެ. އާ ބަދަލާއެކު މިއަދުން ފެށިގެން ބޭންކުގައި ރަޖިސްޓްރީ ނުކޮށް ހުންނަ ވިޔަފާރިތަކުން ވެސް އުޅަނދުތައް ގަނެވޭނެ ކަމަށް ބެންކުން ބުންޏެވެ.

ވެހިކަލް ލޯނާއި ފައިނޭންސިން އަށް މި ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ އާއި ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދު ވެސް ގަނެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.