މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ އެވެ.
ޖެންޑާ އިން މިއަދު ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު 257 މައްސަަލަ ހުށަހެޅި އިރު، އޮގަސްޓު މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ 238 މައްސަލަ އެވެ.
އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ 135 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މި ބާވަތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުގެ މައްސަލަތަކެވެ. އެ ބާވަތުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި މައްސަލަތައް؛
- ޖިންސީ ހާނިއްކައިގެ 38 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ
- ގެވެށި އަނިޔާގެ އަމަލު ކުރާތަން ފެނިގެން 15 މަައްސަލަ
- ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ
- އިންޓަނެޓު މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ
- އަހުލާގާ ގުޅުންހުރި 12 މައްސަލަ
- ހައްގުތަކުން މަހުރޫމް ކުރުމުގެ 2 މައްސަލަ
- އެކި ބާވަތުގެ ކުށްކުރާ ކުދިންގެ 9 މައްސަލަ
މީގެ އިތުރުން، އާއިލީ މައްސަލަތަކުގެ 36 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރެއިން، ކުދިންނާ ބައްދަލު ނުކުރެވޭ 18 މައްސަލާއި ދަރިންނަށް ހަރަދު ނުދިނުމުގެ 8 މައްސަލަ ހިސާބުތަކުގައި ވެ އެވެ.
އަދި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 40 މައްސަލަ ޖެންޑާ އަށް ހުށަހަޅާފައިވާ ކަަމަށް ވެ އެވެ. ނަފްސާނީ އަނިޔާގެ 11 މައްސަލަ އާއި ބިރުދެއްކުމުގެ ތިނެއް އަދި ޖިންސީ ހާނިއްކައިގެ 2 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ބޭނުންވެގެން 16 މައްސަލަ ރިޕޯޓު ކުރި ކަމަށްވެ އެވެ. އަދި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ ހަތް މައްސަލަ ރިޕޯޓު ކުރި ކަމަށް ވެސް ހިސާބު ތަކުން ދައްކަ އެވެ.