ހަބަރު

އަންހެނަކާއި ތިންދަރިންނަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ދީފައިނުވާއިރު ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތަކުގައި ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސެއް ކުރުމާއެކު ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާނަމަ ހިއްސާ ކުރަން އެދޭ ކަމަށެވެ.

އެނގިފައިވާގޮތުގައި މިއީ ރުގްޔާ ކުރުމަށް ކަމަށްބުނެ ފިރިހެނަކު އޭނާގެ އަނބިމީހާއާއި ތިން ދަރިން ރަހީނު ކޮށްގެން ހިންގި އަމަލެކެވެ. އަންހެން މީހާ އާއި އޭނާގެ ކުޑަ ދަރިފުޅަށް ޖިންނި އަވަލާފައި ހުރި ކަމަށްބުނެ ބޮޑެތި އަނިޔާ ދީފައިވާއިރު ކުޑަ ކުއްޖާއަށް އެކި ދުވަސްތައް މަތިން ވަނީ ޖިންސީ ގޯނާ ކޮށްފައި ވެއެވެ.