މޯލްޑިވްސް ޕޮލިސް ސާވިސް

ތިންދަރިންނަށް އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. 24 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަދި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެނގިފައިވާގޮތުގައި މިއީ ރުގްޔާ ކުރުމަށް ކަމަށްބުނެ ފިރިހެނަކު އޭނާގެ އަނބިމީހާއާއި ތިން ދަރިން ރަހީނު ކޮށްގެން ހިންގި އަމަލެކެވެ. އަންހެން މީހާ އާއި އޭނާގެ ކުޑަ ދަރިފުޅަށް ޖިންނި އަވަލާފައި ހުރި ކަމަށްބުނެ ބޮޑެތި އަނިޔާ ދީފައިވާއިރު ކުޑަ ކުއްޖާއަށް އެކި ދުވަސްތައް މަތިން ވަނީ ޖިންސީ ގޯނާ ކޮށްފައި ވެއެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާ އާއި މީޑިއާގެ އެކި ވަސީލަތްތަކުން އެކަން ފަޅާއަރުވާލާ އެ ދެ މީހުން ހައްޔަރު ކުރަން ގޮވާލުމުންނެވެ. އެ ދެ މީހުންގެ ވަނަވަރާއި ފޮޓޯވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެއެވެ.