އެފްއޭއެމް

އެފްއޭއެމް ފައުންޑޭޝަން: އުންމީދީ ޕްރޮޖެކްޓެއް

އިންސާނީ ހިދުމަތުގައި އެފްއޭއެމްގެ ދައުރު ފެންނަނީ ފުޅާ ކޮށެވެ. ކޮންމެ އަހަރެއްގެ ޗެރިޓީ ޝީލްޑް މެޗުން އިންސާނީ ހިދުމަތުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކަށް ފޯރުކޮށްދޭ އެހީތެރިކަމުން ފެށިގެން ސީދާ އެފްއޭއެމް ވެރިން ބައިވެރިވެގެން ކުރިއަށް ގެންދާ އިންސާނީ ހިދުމަތުގެ މަސައްކަތްތަކަކީ ފާހަގަ ވެފައި ހުރި ކަންކަމެވެ. އެފަދަ މަސައްކަތްތައް ފާހަގަ ކޮށް ފީފާ އިން ވަނީ އެފްއޭއެމްގެ މަސައްކަތް ބަލައި ގަނެ އަގުވަޒަންކޮށް ތައުރީފްވެސް ކޮށްފަ އެވެ.

"ފުޓްބޯޅައަކީ މިއަދު ކުޅިވަރެއް އެކަންޏެއް ނޫން. ފުޓްބޯޅައަކީ ވަރަށް ވަރުގަދަ އިންސްޓްޓިއުޝަނެއް މުޖުތަމައަށް ޒުވާނުން ބިނާ ކުރުމަށް މަސައްކަތް ކުރާ އިންސްޓްޓިއުޝަނެއް." މިއީ އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ވާހަކަ އެވެ.

އިއްޔެ ލޯންޗު ކުރި އެފްއޭއެމްގެ ފައުންޑޭޝަން ވެގެންދާނީ ރާއްޖޭގައި އިންސާނީ ހިދުމަތުގައި އުންމީދީ މަސައްކަތްތަކެއް ބިނާ ވެގެންދާ ފައުންޑޭޝަނަކަށެވެ. ޔުނައިޓެޑް ނޭޝަންއިން ކަނޑައަޅާފައިވާ އާންމު ލަނޑުދަނޑިތަައް ހާސިލުވާނެހެން އުފެއްދި ފައުންޑޭޝަން ލޯންޗު ކުރުމަށް ފަހު އެންމެ ފުރަތަމަ އެހިތެރިކަން ފޯރު ކޮށްދިން އެހީ ބިނާ ކޮށްފައި ވަނީ ކޮވިޑް-19 ގެ ހާލަތަށެވެ. އިއްޔަގެ ރަސްމިއްޔާތުގައި އެފްއޭއެމް ފައުންޑޭޝަންގެ ފަރާތުން ވަނީ، ސްކޫލްތަކަށް ފޯރުކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް 20،000 އަންގި، ، 20،000 މާސްކު، 500 ފުޅި ސެނެޓައިޒާ ހަދިޔާ ކޮށްފަ އެވެ. އަދި އަޖީއެމް ހޮސްޕިޓަލަށް 200 ޕީސީއާރް ކިޓް ހަވާލު ކުރެވުނެވެ.

ފައުންޑޭޝަންގެ ޕާޓްނަރުންގެ ގޮތުގައި، ކުޑަ ކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ "އާކް" އާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން ޖާގަ ހޯދައިދިނުމަށް މަސައްކަތް ކުރާ ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ވަނީ ހަމަޖައްސާފަ އެވެ. އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްނަސެޑަރުންގެ ގޮތުގައި ފުޓްބޯޅައިގެ ކުރީގެ ތަރިންނާއި މިހާރުގެ ތަރަންގެ އިތުރުން އުމުރުން ހަގު ކުޅުންތެރިންނާއި އަންހެން ކުޅުންތެރިންވެސް ހިމެނެ އެވެ. އެމްބަސެޑަރުންގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެއްސީ ކުރީގެ ގައުމީ ފޯވަޑް ޝާހް އިސްމާއީލް އާއި ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެެ.


ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުޅުފް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި، ބައްސާމް ވިދާޅުވީ އެފްއޭއެމް ފައުްނޑޭޝަން ވެގެންދާނީ ދިވެހި ޒުވާނުންނާއި ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ދިރިއުޅުން ބަދަލު ކޮށްދޭނެ ފައުންޑޭޝަނަކަށް ކަމަށެވެ. ބައްސާމް ވިދާޅުވީ ފުޓްބޮޅައިގެ ތެރެއިން ޒުވާން ކުޅުންތެރިން ވަރަށް ގިނަ ގިނަ ފިލާވަޅުތަކެއް ލިބިގަންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އަނެކާއަށް ކުރާ އިހުތިރާމާއި ޓީމު ބަލިވެގެންދާ ވަގުތެއްގައި އަރައިގަތުމަށް ކުރާ ބުރަ މަސައްކަތް. އަޅުގަނޑަށް ހީވަނީ މިއީ ދިރިއުޅުމުގެ ވަރަށް މުހިންމު ދެ ފިލާވަޅު ކަންނޭނެގް އަޅުގަނޑުމެންގެ ކުޅުންތެރިންނަށާއި އަރަމުން އަންނަ ކުޅުންތެރިންނަށް ލިބިގެންދާ." ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ފައުންޑޭޝަން ކުރިއަށް ގެންދާނީ އޭއެފްސީ އާއި ފީފާގެ ބޮޑު އެހީތެރި ކަމާއެކު އެވެ. ބައްސާމް ވިދާޅުވީ ކުރިން އެފްއޭއެމް މެދުވެރިވެގެން ކުރިއަށްގެންދިޔަ މަސައްކަތްތަކަށް ވުރެ ވުރެވެސް ވަރުގަދަކޮށް ފައުންޑޭޝަނާއެކު އެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ފައުންޑޭޝަނާ އެކީގައި ކުރިއަށްވުރެވެސް ވަރުގަދަކޮށް މި މަސައްކަތް ފެށިގެން ގޮސް ދިވެހި މުޖުތަމައު އަތޮޅުތެރޭގައި ތިބި ކުޅުންތެރިންނަށް އެކި ގޮތްގޮތުން ފުރުސަތުތައް ހޯދައިދީ ކުރިއެރުން ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރުން." ފައުންޑޭޝަންގެ އަމާޒެއްގެ ގޮތުގައި ބައްސާމް ވިދާޅުވި އެވެ.