މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެެތި ދިރިއުޅެމުންދާ މިހުން ވަގުތީ ހިޔާތަކަށް ގެންދަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން މި މަސައްކަތް ފަށާފައިވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތި އެތައް ބަޔަކު ނިދާ ކައި ބޮއެ ހަދަމުންދާ ވާހަކަތައް ފެންމަތިވެފައި ވަނިކޮނެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކަން ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުމަށްވެސް އެދިފަ އެވެ.
ކޮވިޑް-19 އިގެ ހާލަތުގައި މިދިޔަ އޭޕްރީލް މަހު މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނާ ގުޅިގެން، އާމްދަނީ ލިބުން ހުއްޓި، މަގުމަތިވި މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށް ގެންދިއަ އެވެ. އޭރު 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ވަނީ ފޯރުކޮށްދީފައި އެވެ.
ނަމަވެސް، އެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލައިފަ އެވެ. އަނެއްކާވެސް މާލޭގައި މަގުމަތިވާ މީހުން ދަނީ ގިނަވަމުންނެވެ. މާރުކޭޓު ސަރަހައްދުގެ އިތުރުން މިސްކިތްތަކުގައިވެސް ނިދާ ކައި ބޮއެ ހަދާ މީހުންގެ އަދަދު ވަނީ މި ފަހުން އިތުރުވެފަ އެވެ.