ހަބަރު

ސީގަލް ކަންމަތީ މުޒާހަރާ ނުކުރެވޭނެ ކަމަށް ފުުލުހުން އެމްޑީޕީއަށް އަންގައިފި

Oct 20, 2015

"ކަންމަތީ ބައްދަލުވުމު" ގެ ނަމުގައި އެމްޑީޕީން އިންތިޒާމްކޮށް ސިލްސިލާކޮށް ބާއްވަމުންގެންދާ މުޒާހަރާތައް ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި، ސީގަލް ކައިރީގައި މިރެއިން ފެށިގެން މުޒާހަރާ ނުކުރެވޭނެ ކަމަށް ފުލުހުން އެ ޕާޓިއަށް އަންގައިފިއެވެ.

މިރޭ ފުލުހުންގެ އެ ނިންމުން އެމްޑީޕީއަށް އަންގާފައިވަނީ މާލެ ސިޓީ ޕޮލިސް ގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަތުހުﷲ ވަހީދެވެ.

އޭނާ ސޮއި ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން އަށް ފޮނުވި ސިޓީގައި ބުނަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގެ 41 ވަނަ މާއްދާއިން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި ކަންމަތީ ބައްދަލުވުންތައް ބޭއްވުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ބުނެފައި ވަނީ ސިލްސިލާކޮށް އެއްތަނެއްގައި އެގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމުގެ ސަބަބުން، އެ ސަރަހައްދު ބޭނުން ކުރުމުގައި އާއްމުންގެ ގިނަ ބަޔަކަށް ތަފާތު ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި ވިޔަފާރިތަކާއި، ރެސްޓޯރަންޓްތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އެ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ތިބޭ ފަތުރުވެރިންގެ އިތުރުން ދުއްވާ އުޅަންދުފަހަރަށްވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

އަދި މި ދުވަސްވަރަކީ އޯލެވެލް އިމްތިހާން ފަށައިގެން ކުރިއަށްދާ ދުވަސްވަރަކަށްވެފައި، އެ ސަރަހައްދުގައި އަޑުގަދަވުމުގެ ސަބަބުން ކިޔަވާ ކުދިންނަށް އެކަމުގެ އުނދަގޫ ފޯރަމުންދާތީ ބެލެނިވެރިންގެ ފަރާތުން އެކިއެކި ޝަކުވާތައް ހުށަހަޅާ ކަމަށާއި އެމްޑީޕީން މިހާތަނަށް ބޭއްވުނު އެއްވުންތަކުގައި ސަލާމަތީކަންކަން ބަލަހައްޓައި، ސަލާމަތްތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށް ރައްޔިތުންނަށް މަގު ބޭނުންކުރުމުގައި ދަތިނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރިނަމަވެސް، އެކަމަށް އިޖާބަ ނުދީ، ދުއްވާތަކެއްޗަށް ދަތިވާގޮތަށް ބައްދަލުވުމުގެ ބައިވެރިންގެ ޢަމަލުތައް ބެހެއްޓި ކަމަށެވެ.