ރިޕޯޓް

ރާއްޖެ މުސްކުޅިވަނީތަ؟ ތަފާސްހިސާބުން ވިސްނާލާ!

  • 2006 ގެ ބޯހިމެނިއިރު ޒުވާނުންގެ އާބާދީ 32 ޕަސެންޓުގައި
  • އެންމެ ފަހުން ބޯހިމެނިއިރު 27 ޕަސެންޓަށް ވެއްޓިފައި
  • ދުވަސްވީ މީހުންގެ އިނާޔަތުގެ ބަޖެޓުގެ ގޮތު 480 މިލިއަން ރުފިޔާ

ގިނަ ކުދިން ވިހާ އާއިލަތަކަށް "ހާއްސަ އިނާޔަތް ދޭ" ގައުމުތައް އެބަ ހުއްޓެވެ. އުމުރުން ދުވަސްވީ މީހުން ގިނަވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މުސްކުޅި ގައުމުގެ ލަގަބުވެސް ދީފައިވެ އެވެ. މި މައްސަލަ ރާއްޖޭގައި ވެސް ބޮޑުވަމުން ދާ ކަމަށް މިދިޔަ އަހަރު މުޅިރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުން ހާމަވެއްޖެ އެވެ. މިކަމުން ނުކުންނާނީ ކޮން މައްސަލައެއް ހެއްޔެވެ؟ ރާއްޖެ މުސްކުޅިވަނީ ހެއްޔެވެ؟

ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީނާއި ދިވެހިން މަސްހުނި ކުރުމުން ޖުމްލަ އާބާދީ ހަތަރު ލައްކައަށް އަރަ އެވެ. ނަމަވެސް ވަކިން ބަލާނަމަ ދިވެހިންގެ ޖުމްލަ އާބާދީއަކީ 338،434 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 166،472 އަންހެނުންނާއި 171،962 ފިރިހެނުންނެވެ.

މި ހިސާބުތަކަށް ބަލައިލުމުން ހާމަވެގެންދާ އެއް ކަމަކީ ރާއްޖޭގެ އާބާދީގެ އުމުރުފުރާއަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމެވެ. އެގޮތުން ޒުވާނުންގެ ނިސްބަތް 2006 ވަަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމާ އަޅާ ބަލާއިރު މިވަނީ ދަށަށް ގޮސްފަ އެވެ. މީގެ 10 އަހަރު ކުރިން 2006 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އާބާދީގައި އެންމެ ގިނައީ 15-19 އުމުރު ފުރައިގެ ޒުވާނުންނެވެ. ނަމަވެސް މިދިޔަ އަހަރު ބޯހިމެނުން ދައްކާ ގޮތުން މި އަދަދު މިވަނީ 25-29 އަހަރަށް ވެއްޓިފަ އެވެ.

އުމުރު ފުރާ ބަދަލުވެ މުސްކުޅިވެފަ އެވެ. މީގެ މާނަކީ 2006 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުގައި އާބާދީގެ 32 ޕަސެންޓް މީހުންނަކީ ޒުވާނުންގެ ގޮތުގައި ދެއްކިނަމަވެސް މިދިޔަ އަހަރުގެ ބޯހިމެނުގައި މި އަދަދު 27 ޕަސެންޓަށް ވެއްޓިފައިވުމެވެ.


މިކަމުން ނުކުންނާނީ ކޮން މައްސަލައެއް؟

ދުނިޔޭގައި އެންމެ އުމުރުން ދުވަސްވީ މީހުން ގިނަ ގައުމަކީ ޖަޕާނެވެ. އަނެއް ގޮތަކަށް ބަލާނަމަ އެންމެ މުސްކުޅީ ޖަޕާނެވެ. އެގައުމުގެ އާބާދީގެ 33 ޕަސެންޓަށްވުރެ މަތީ އަދަދަކީ މުސްކުޅިންނެވެ. އެކަމުގެ ސަބަބުން އެ ގައުމަށް އިގްތިސާދީ ގޮތުންވަނީ ބޮޑު މައްސަލަތަކެއް ދިމާވެފަ އެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ މަސައްކަތްކުރާ އާބާދީ ދަނީ ދަށްވަމުންނެވެ. އަދި މިއާއެކު ސަރުކާރަށް އޮތް ބުރަވެސް ބޮޑުވެ އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ އިނާޔަތް އިތުރުވެ، މި ހަރަދު ވެސް ވަނީ އިންތިހާއަށް މަތިވެފަ އެވެ. ރާއްޖޭގެ އާބާދީއަށް ވެސް މި މައްސަލަ ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖޭގައި 65 އަހަރުން މަތީ އުމުރު ފުރައިގެ މީހުންނަށް އިނާޔަތުގެ ގޮތުގައި 5،000ރ. މިހާރު ދެމުން ވެސް ގެންދެ އެވެ. މި އެލަވަސް ހައްގުވާ 17،000 މީހުން ރާއްޖޭގައި މިހާރު އެބަތިއްބެވެ. މި އިނާޔަތުގެ ގޮތުގައި 480 މިލިއަން ރުފިޔާ މި އަހަރަށް ކަނޑައަޅާފައި އެވެ.

ކުރި އަށް އޮތް އަހަރު މި އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. މަސައްކަތްކުރާ އުމުރުފުރާ ދަށަށް ގޮސް ޕެންޝަނަރުންގެ އަދަދު އިތުރުވެއްޖެނަމަ ރާއްޖެއަށް ގިނަ މައްސަލަތަކެއް ކުރިމަތިވާނެ އެވެ. އެހެންކަމުން މިކަމާމެދު ރާއްޖޭން ގޮތެއް ވިސްނަން އެބަޖެހެ އެވެ. އާބާދީ އިތުރުކުރާނީ ހެއްޔެވެ؟ ނުވަތަ ހަމަ މި ކޮންޓްރޯލްގައި ކުރިއަށްދާނީ ހެއްޔެވެ؟