ވިޔަފާރި

މޯލްޑިވްސް މެރިން އެކްސްޕޯ ވާޗުއަލް ފެއާގެ މެއިން ސްޕޮންސަރަށް އަލްޝާލީ

މޯލްޑިވްސް މެރިން އެކްސްޕޯ- ވާޗުއަލް ފެއާގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ބޯޓިން އަދި މެރިން އިންޑަސްޓްރީ އަށް ގިނަ ހިދުމަތް ތަކެއް ދެމުން ގެންދާ، އަލްޝާލީ މެރިން މޯލްޑިވްސް ވަނީ މީގެ ކުރިން ވެސް މެރިން އެކްސްޕޯގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އޮންނާނީ މިމަހުގެ 20 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ވާޗުއަލް ކޮށެވެ.

އަލްޝާލީ މެރިން މޯލްޑިވްސް އިން މި އަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަށް ހަމަޖެއްސިއިރު، އެ ކުންފުންޏަށް މި އަހަރު މި ދާއިރާގެ އެންމެ މުހިންމު އެވޯޑު ވެސް ލިބިފަ އެވެ. އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި އަލްޝާލީގެ އެކްޝަން 25 އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް، ކޯސްޓް ކްރާފްޓް 38 ޕްލަސް އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް އަދި އައިލެންޑް ހޮޕާ 50 އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް އެވޯޑު ލިބުނެވެ.

ޒުވާން މަސްވެރިންނަށް އަލްޝާލީ މެރިން އިން މިދިޔަ އަހަރު ވަނީ ހާއްސަ އުޅަނދެއް ވެސް ގެނެސްދީފައިވެ އެވެ. އެ ކުންފުނިން އެކްޝަން 24ގެ ނަމުގައި ނެރުނު ކުޑަ މަސް ލޯންޗް ވެގެންގޮސްފައިވަނީ ޝައުގުވެރި އުޅަނދަކަށެވެ.

ދުބާއީގެ އަލްޝާލީ ގްރޫޕުގެ ސަބްސިޑަރީއެއް ކަމަށްވާ އަލްޝާލީ މެރިން މޯލްޑިވްސް އިން ތިލަފުށީގައި ހިންގަމުންދާ ޑޮކްޔާޑަކީ މިހާރު ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ގެންދާ އެއް ތަނެވެ. އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ދުނިޔޭގެ ބޮޑު ކުންފުންޏެކެވެ.