ވިޔަފާރި

ރާއްޖެއަށް މިއަަދު އާ ދެ އެއާލައިނަކުން ދަތުރު ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރު އާ ދެ އެއާލައިންއަކުން ދަތުރުތައް ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރު ހަސަން ރައީފު ވިދާޅުވި ގޮތުގައި މި އަހަރު އަލަށް ދަތުރު ފަށާފައިވަނީ ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އަސްތާނާ އާއި ސީޝެލްސްގެ ގައުމީ އެއާލައިން އެއާ ސީޝެލްސް ކަމަށެވެ.

"މިއަދު މީ ވީއައިއޭ އަށް ބާރު ބޮޑު ދުވަހެއް،" ހަސަން ވިދާޅުވި އެވެ.

ސީޝެލްގެ ފްލައިޓުން އައިސްފައިވަނީ 30 މީހުންނެވެ. ނަމަވެސް އެެއާ އަސްތާނާ އިން 156 މީހުން އައިސްފައިވެ އެވެ.

ކަރަޒިސްތާނާއި ސީޝެލްސް އިން ދެ ފްލައިޓް އައުމުގެ އިތުރުން، ބްރިޓިޝް އެއާވޭސް އިން ވެސް ވަނީ ލޮކްޑައުންނަށް މެދު ކަނޑާލުމަށްފަހު އަލުން އުދުހެން ފަށާފަ އެވެ. ބްރިޓިޝް އެއާވޭސް އިން 250 މީހުން ވަނީ މިއަދު ރާއްޖެ އަށް އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ބޯޑަރު ޖުލައި މަހު ހުޅުވި ފަހުން މިހާތަނަށް 82،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 82,902 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވަނީ 465,749 އަށް އަރާފަ އެވެ.