ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މުވައްޒަފުން ރިސޯޓަށް، ކެނޑި މުސާރަ ނުދިނުމުގެ ޝަކުވާ

ރިސޯޓް އޮކިއުޕެންސީ ރަނގަޅުވާން ފެށުމާއެކު މުވައްޒަފުން މަސައްކަތްތައް ނެރެން ފަށާފައިވާއިރު، ކެނޑި މުސާރަ އިޔާދަ ނުކުރުމުގެ ޝަކުވާ ބޮޑު ކަމަށް ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފި އެވެ.

ޖުލައި މަހު ބޯޑަރު ހުޅުވުމާއެކު، ގިނަ ރިސޯޓު ތަކެއް ހުޅުވައި، އަދި ބައެއް ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ ބޮޑުތަން ރަނގަޅުވެފަ އެވެ. މިހާރު ރާއްޖޭގެ އެވްރެޖު ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ އެޗްޕީއޭ ބުނާ މިންގަނޑުތަކަށް ފެންތުމާއެކު 60 ޕަސެންޓާއި 80 ޕަސެންޓުގަ އެވެ. އެހެންވެ ގިނަ ރިސޯޓުތަކުން ދަނީ ކުރިން ނޯޕޭގައި ފޮނުވާލި މުވައްޒަފުން ރިސޯޓު ތަކަށް ގެންދަމުންނެވެ.

ޓީމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މައުރޫފު އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި ހުޅުވާ ބައެއް ރިސޯޓު ތަކަށް ގެންދާ މުވައްޒަފުން ލައްވައި މަސައްކަތް ކުރުމާއިރު، ކުރިން ކެނޑި މުސާރަ އިޔާދަ ނުކުރުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލު ކަމަށް ވެސް އެ ޖަމިއްޔާ އިން ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީ އަށް އަޅުގަނޑުމެން ވާނީ މެއިލް މެދުވެރިކޮށް އެ ޝަކުވާ ހުށަހަޅާފަ.މިނިސްޓްރީން ވިދާޅުވި އެކަން ހައްލު ކުރަން މަސައްކަތް ކުރައްވާ ކަމަށް،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ 60 ޕަސެންޓު ވަރުގައި ހުރިއިރު، ބައެއް ރިސޯޓުތަކުގައި މި ވަގުތު ވޯކް ލޯޑް ވަރަށް މަތި ކަމަށެވެ.

"ބޭރުން މުވައްޒަފުން ގެނައުމުގައި ދަތި ތަކެއް އެބަހުރި ކަމަށް އެނގިފައިވޭ. އެހެންވެ، ތިބި މުވައްޒަފުންނަށް ވޯކް ލޯޑް ވަރަށް ހައިވެފަ ވަނީ. މި ވަގުތު ކުރިން ކެނޑި މުސާރަ އިޔާދަ ނުކުރާނަމަ އެއީ މައްސަލައެއް،" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވި ގޮތުގައި އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ރިސޯޓު ތަކުން ދިވެހި މުވައްޒަފު ވަޒީފާ އަށް ނެރެން ފަށާފައިވާ ކަމަށެވެ.

"މި ވަގުތު ވަޒީފާ އަށް ނެރޭ މުވައްޒަފުންގެ ސީދާ ދިރާސާއެއް ނެތް. ނަމަވެސް އަޅުގަނޑުމެންގެ ކޮންޓެކްޓް ހުރި ރަށްރަށުގެ 95 ޕަަސެންޓް މުވައްޒަފުން ވަޒީފާ އަށް ނެރެފައި،" މައުރޫފު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު އެންމެ އަވަހަށް އަސަރު ކުރި ބަޔަކީ ޓޫރިޒަމް މަސައްކަތް ތެރިންނެވެ. ޓޫރިޒަމް ސެކްޓާގައި ތިބި 45،000 މުވައްޒަފުންނަށް އެކި ލެވަލްގައި އަސަރު ކުރި އެވެ. ޓީމް އިން ކުރިން ބުނެފައިވާ ގޮތުގައި ނޯޕޭގެ ގޮތުގައި މުސާރަ ނުލިބޭ ގޮތަށް 11،000 މުވައްޒަފުން ރަށަށް ފޮނުވާލި އެވެ.