ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލްގައި ހިމެނި ބައެއް އިސްލާހުތައް ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވުމާއެކު ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވި އެވެ.
އެ ބިލުގެ އަމާޒަކީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން ހުށަހެޅި ބިލެއްގެ ތުހުމަތު ކުރެވުނު ނަމަވެސް، ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ފުލުހުންގެ ވަޒީފާއަށް އައްޔަނުކުރުމާއި، ލިބިދޭ އިނާޔަތްތަކާއި ހައްގުތަކާއި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދަބުތައް ކަނޑައަޅައިފަ އެވެ. ފެބްރުއަރީ ހަތަކާ ގުޅުވައި ފުލުހުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް މިދިއަ ހަފްތާގައި އިވިގެން ގޮސްފައިވާއިރު، ބިލު ފާސްކުރުމުގެ ކުރިން، އިއްޔެ ހެނދުނު ބޭއްވުނު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ކުއްލި ގޮތަކަށް އެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް އީވާ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
މަޖިލީހުން ރޭ ފާސްކުރި ބިލަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށެވެ. އަދި ރޭ ފާސްކުރި ގާނޫނުގައި ހިމެނި ބައެއް އިސްލާހުތައް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއެވެ.
"އެމްޑީޕީގެ ލީޑަޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރި ކަމެއް ނެތް. ފުލުހުންގެ ގާނޫނުގެ އިސްލާހުތައް ގާނޫނުއަސާސީއާ ފުށުއަރާ. ފުލުހުންނާ ޒާތީ ނަފްރަތު އޮވެ، ފުރުސަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލަނީ. އިރާދަކުރެއްވިއްޔާ ފުލުހުންގެ ހައްގު އަޅުގަނޑުމެން ހޯދައިދޭނަން،" ކުރިން އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ތައުރީފުކުރައްވައި، އެ ބިލު ބަލައިގަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮލިސް ބޯޑު އުފެދިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް މިހާތަނަށް އެޅިގެންދާނެ އެންމެ ހަރުދަނާ ފިޔަވަޅު ކަމަށެވެ.
ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ބޭނުންވާކަން ހާމަވަގެންދާ ޕޮލިސް ބޯޑު އުފެއްދުމުގެ ހިޔާލަކީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން، ފުލުހުންގެ އެގްޒެކެޓިވް ލެވަލްގެ ބޭފުޅުން ބާރު އަޅުއްވަމުން ގެންދެވި ކަމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.