ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިއަ އަންގާރަ ދުވަހު ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 26 އަހަރާއި 38 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.
ހައްޔަރުކުރި މީހުން
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ)
- ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ)
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަޙްމަދު (37އ)
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
- ރ. އިނގުރައިދޫ / އެލެސްކާ، ޢަބްދުﷲ ވިޝާމް (26އ)
- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)
- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން (33އ)
- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު (35އ)
- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)
ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ފުލުހުން ދިޔައީ ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
އަދި މިގޮތުން ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން މިދިއަ އަންގާރަ ދުވަހު މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައި އެވެ.
މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނުގައި އެ 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވެ އެވެ.
އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްދީފައި އެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ގެންދަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މީގެ ކުރިން ކަނޑުމަތީ ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި ހުޅުމާލެ ފަޅުތެރޭ އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގަތެވެ. މަސްތުވެގެން މީހުން ތިބޭ އައްޑާތަކަށް އަމާޒުކޮށްވެސް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަން މިވަގުތު ވަނީ މެދުކަނޑާލާފައެވެ.