ރިޕޯޓް

ރާއްޖޭގައި ކޮންމެ 30 މިނެޓަކަށް ކުށުގެ މައްސަލައެއް ހުށަހެޅޭ!

Dec 13, 2020
2

ރާއްޖެއަކީ އާބާދީ ކުޑަ އެކުވެރި އެއްބައިވަންތަ ބަޔަކު ދިރިއުޅެމުން އަންނަ ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވޭ ޤައުމެކެވެ. ރާއްޖޭގެ ކުށުގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އަންނަނީ އިތުރު ވަމުންނެވެ. އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެނީ މާލެ ސިޓީގައި ކަމުން ނިސްބަތުން އެންމެ ކުށް ގިނައީ ވެސް މާލެސިޓީގަ އެވެ. ކުށް ގިނަ ވުމުގައި ތަފާތު ސަބަބުތައް ހިމެނެ އެވެ. މި ސަބަބުތައް ދެނެގަނެވިއްޖެނަމަ ކުށްމަދު އަމާން މާހައުލެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ އެވެ. ރާއްޖޭގައި ލިބެން ހުރި ކުށުގެ ތަފާސް ހިސާބު ބޭނުންކޮށްގެން ރާއްޖޭގެ ކުށުގެ ހާލަތު އިތުރަށް ދެނެގަނެވިއްޖެނަމަ އެމައުލޫމާތު ބޭނުންކޮށްގެން ރައްޔިތުން ހޭލުންތެރިކޮށް، ރާއްޖޭގައި ކުށްކުރާ އަދަދު މަދުކުރެވިދާނެ އެވެ. މި ލިޔުމުގައި ބޭނުންކުރެވިފައިވާ ތަފާސް ހިސާބަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ލިބިފައިވާ ތަފާސް ހިސާބުތަކެވެ. އަދި މި ލިޔުމުގައި ބޭނުންކޮށްފައި ވާނީ 1992 ވަނަ އަހަރުން 2019 އަހަރުގެ ތަފާސްހިސާބު ތަކެވެ.

ދުނިޔޭގެ ނިސްބަތުން 37 ވަނަ

ދުނިޔޭގެ ގައުމުތަކުގެ ކުށުގެ އަދަދު އާބާދީގެ ނިސްބަތުން ބެލުމަށް ފަހު ގައުމުތައް ދަރަޖަކޮށްފައިވާ ގައުމުތަކަށް "ކްރައިމް އިންޑެކްސް" އަދި "ސޭފްޓީ އިންޑެކްސް" ދީފައި ވެއެވެ. ކްރައިމް އިންޑެކްސްގައި އެންމެ މަތީގައި ހިމެނެނީ ކުށުގެ އަދަދު އާބަދީގެ ނިސްބަތުން އެންމެ މަތީ ގައުމު ތަކެވެ. އެންމެ ދަށުގައި ހިމެނެނީ އާބާދީގެ ނިސްބަތުން އެންމެ ކުށް މަދު ގައުމުތަކެވެ. ސޭފްޓީ އިންޑެކްސްގައި އެންމެ މަތީގައި ހިމެނެނީ ކުށްމަދު ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ގައުމު ތަކެވެ. އެންމެ ދަށުގައި ހިމެނެނީ ސަލާމަތާއި ރައްކާތެރިކަން އެންމެ ކުޑަ ގައުމެވެ.

މި އަހަރުގެ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ކްރައިމް އިންޑެކްސް އިން ރާއްޖެ އަށް ލިބިފައި ވަނީ 53.21 އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން 37 ވަނަ އެވެ. މި ލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ ވެނެޒުއޭލާ، ޕަޕުއާ ނިއުގިނީ އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކެވެ. އަދި މިމުއްދަތުގައި ސޭފްޓީ އިންޑެކްސް އިން ރާއްޖެއަށް ލިބިފައިވަނީ 46.79 އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން 93 ވަނަ އެވެ.

ސަރަޙައްދީ ގައުމުތަކުން ތިން ވަނަ

ކްރައިމް އިންޑެކްސް ގައި މި ސަރަހައްދުގެ ގައުމުތަކުން އެންމެމަތި ކްރައިމް އިންޑެކްސްއެއް ލިބިފައި ވަނީ އަފްއާނިސްތާނަށެވެ. ދެވަނަ ބަންގްލަދޭޝް އަދި ތިން ވަނަ ރާއްޖެ އެވެ. ކްރައިމް އިންޑެކްސްގައި ރާއްޖޭގެ ފަހަތުން އިންޑިޔާ ހަތަރު ވަނަ، ޕާކިސްތާން ފަސްވަނަ، ސްރީލަންކާ ހަވަނަ އަދި ނޭޕާލް ހަތްވަނައި ހިމެނިފައި ވެ އެވެ. ކްރައިމް އިންޑެކްސް 24.63 ލިބިފައިވާ ބޫޓާން ހިމެނެނީ ސާކް ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ކުށް މަދު ގައުމުގެ ގޮތުގަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުން ސޭފްޓީ އިންޑެކްސްގައި އެންމެ ކުރީގައި ހިމެނިފައި ވަނީ އާބާދީގެ ނިސްބަތުން އެންމެ ކުށްމަދު ބޫޓާނެވެ. ސޭފްޓީ އިންޑެކްސްގައި 45.39 ލިބި ހިރާއްޖެ މި ސަރަޙައްދުގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާ އަށް ވުރެ ވެސް ފަހަތުގައި ހަވަނައިގަ އެވެ.

ދުނިޔޭގެ އަދި ސަރަހައްދީ ގައުމުތަކުގެ ނިސްބަތުން ރާއްޖޭގެ އާބާދީ ކުޑަނަމަވެސް އެފަދަ އެހެން ގައުމުތަކަށްވުރެ އާބާދީގެ ނިސްބަތުން ކުށް ގިނަ ގައުމެއްގެ ގޮތުގައި ރާއްޖެ ދަރަޖަ ކުރެވިފައިވުމުގައި ތަފާތު ސަބަބުތައް ހިމެނެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކުށެއްގެ ގޮތުގައި މައްސަލަ ރެކޯޑް ކުރުމުގައި ތަފާތު ހަމަތައް ގެންގުޅެއެވެ. ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ގާނޫނާއި އެއްގޮތަށް އަމިއްލަ ހަމަތަކާއި އުސޫލުތަކެއް ގެންގުޅެއެވެ.

ރާއްޖޭގެ ކުށުގެ ތަފާސްހިސާބު

ފުލުހުން އެކި ފަހަރުމަތިން އާއްމު ކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ކުށުގެ ތަފާސް ހިސާބު އާއްމު ކުރަން ފަށާފައިވަނީ 1992 ވަނަ އަހަރުގެ ތަފާސް ހިސާބުން ފެށިގެންނެވެ.

މި ރިޕޯޓްގެ ބޭނުމަށް ހުށަހެޅުނު މައްސަލަ، މައްސަލަ ހުށަހެޅުނު އަދަދުގެ ނިސްބަތުން ފަސް ދަރަޖަ އަކަށް ބަހާ ލެވިފައިވާނެ އެވެ. ހުށަހެޅުނު މައްސަލަތަކުގެ އަދަދު 5000 މައްސަލަ އަށްވުރެ މަދުވެފައިވަނީ 1992، 1999، އަދި 2000 ވަނަ އަހަރުއެވެ. 5000 މައްސަލައާއި 10000 މައްސަލަ އާއި ދެމެދު 12 އަހަރު މައްސަލަ ހުށަހެޅިފައިވެ އެވެ. ހުށަހެޅުނު މައްސަލަ 10،000 އާއި 15،000 މައްސަލައާއި ދެމެދު ހުށަހެޅިފައި ވަނީ 2007، 2018 އަދި 2019 ވަނަ އަހަރުއެވެ. އަދި 15،000 މައްސަލައާއި 20،000 މައްސަލަ އާއި ދެމެދު އަށް އަހަރު މައްސަލަ ހުށަހެޅިފައި ވެއެވެ. އަދި 20،000 މައްސަލައަށްވުރެ ގިނައިން މައްސަލަ ހުށަހެޅިފައިވަނީ 2012 އަދި 2013 ވަނަ އަހަރު އެވެ.

ހުށަހެޅުނު މައްސަލައިގެ އަދަދު 10،000 މައްސަލައަށްވުރެ އިތުރުވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2007 ވަނަ އަހަރުގެ ފަހުން ހުށަހެޅުނު މައްސަލައިގެ އަދަދު 10،000 މައްސަލައަށްވުރެ މަދުވެފައެއް ނުވެއެވެ. އަދި 1992 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލައް ހުށަހެޅުނު މައްސަލަ 9000 މައްސަލައަށްވުރެ އިތުރުވެފައެއް ނުވެއެވެ.

ހުށަހެޅުނު މައްސަލަ އިތުރުވުން

ކުށުގެ ތަފާސް ހިސާބަށް ބަލާއިރު މައްސަލަ ހުށަހެޅުނު އަދަދު 2007 ވަނަ އަހަރުން 2008 ވަނަ އަހަރަށް 6222 މައްސަލަ، 35 ޕަސެންޓް އިތުރުވެފައި ވެއެވެ. މި މުއްދަތުގައި އާބާދީ އިތުރުވެފައި ވަނީ ދެ ޕަސެންޓެވެ. މިފަދަ ބޮޑު އަދަދަކުން ހުށަހެޅުނު މައްސަލަ އިތުރުވެފައި ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އަތޮޅުތަކުގައި ފުލުހުންގެ ނުވަ މަރުކަޒު ހުޅުވި އާއްމު ރައްޔިތުންނަށް މައްސަލަ ހުށަހެޅޭނެ އިތުރު ފުރުސަތު ލިބުމުންނެވެ.

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރުން 2007 ވަނަ އަހަރާއި ހަމައަށް ހުށަހެޅުނު މައްސަލައިގެ އަދަދު މަދުކަމަށް ތަފާސް ހިސާބުން ދެއްކުމަކީ ކުށްމަދު މުއްދަތަކަށްވުރެ ކުށުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މަދު ނުވަތަ އެފުރުސަތު ނެތުމުގެ ސަބަބުން ދައްވެފައިވާ ދަށްވުމެއްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެކެވެ.

ފުލުހުންގެ މަރުކަޒުތައް އަތޮޅުތަކުގައި ގާއިމްކުރަން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. އެހިސާބުން ފެށިގެން 2006 ވަނަ އަހަރާއި ދެމެދު 17 އަތޮޅެއްގައި 27 ރަށުގައި ފުލުހުންގެ 27 މަރުކަޒު ހުޅުވިފައިވެއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ދެމެދު 19 އަތޮޅެއްގައި 76 ރަށެއްގައި ފުލުހުންގެ 60 މަރުކަޒާއި 16 ފުލުހުންގެ ޑެސްކް ޤާއިމްކުރެވި ރައްޔިތުންނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެން ގޮސްފައިވެއެވެ.

އާބާދީގެ 1000 މީހަކަށް ހުށަހެޅުނު މައްސަލަ

ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުށުގެ ނިސްބަތް ދެނެގަތުމުގައި ބޭނުން ކުރަނީ އާބާދީގެ އެއްލައްކަ މީހަކަށް ހުށަހެޅޭ މައްސަލަ ޖެހޭ ނިސްބަތެވެ. ރާއްޖޭގެ އާބާދީއަކީ ކުޑަ އާބާދީއެއްކަމުން ކުށުގެ ނިސްބަތް ބެލުމުގައި މިލިޔުމުގައި ބޭނުންކޮށްފައިވާނީ އާބާދީގެ 1000 މީހަކަށް މައްސަލަހުށަހެޅިފައިވާ ނިސްބަތެވެ.

ހުށަހެޅުނު މައްސަލަ އާބަދީގެ ނިސްބަތުން ކޮންމެ 1000 މީހަކަށް އެންމެ ގިނަވެފައިވަނީ 2009 ވަނަ އަހަރުއެވެ. 2009 ވަނަ އަހަރު 19259 މައްސަލަ ހުށަހެޅިފައި ވެއެވެ. އެ އަހަރު ރާއްޖޭގެ އާބާދީކަމަށް ރެކޯޑް ކުރެވިފައި ވަނީ 314542 މީހުންނެވެ. އަދި ހުށަހެޅުނު މައްސަލަ އާބާދީގެ ނިސްބަތުން އެންމެ މަދުވެފައި ވަނީ 2000 ވަނަ އަހަރުއެވެ. ދެހާސް ވަނަ އަހަރު ޖުމްލަ ހުށަހެޅިފައި ވަނީ 4567 މައްސަލައެވެ. އެ އަހަރުގެ ރާއްޖޭގެ އާބާދީއަކީ 270101 މީހުންނެވެ.

ހުށަހެޅުނު މައްސަލަ އާބަދީގެ 1000 މީހަކަށް ޖެހޭ ނިސްބަތުން ހުށަހެޅުނު އަދަދު 20 މައްސަލައަށްވުރެ ދަށްވެފައި ވަނީ ތިން އަހަރު (1992، 1999 އަދި 2000) އެވެ. އާބާދީގެ 1000 މީހަކަށް ހުށަހެޅޭ މައްސަލަ 35 މައްސަލައަށްވުރެ މަދުން 19 އަހަރު ހުށަހެޅިފައިވެއެވެ. އަދި 35 މައްސަލައަށްވުރެ ގިނައިން 9 އަހަރު މައްސަލަ ހުށަހެޅިފައިވެއެވެ.

ގަޑިއިރަކަށް ހުށަހެޅުނު މައްސަލަ

ފާއިތުވި 12 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އެވްރެޖްކޮށް އަހަރަކަށް 17650 މައްސަލަ ހުށަހެޅެއެވެ. އަދި މަހަކަށް 1471 މައްސަލަ ހުށަހެޅޭއިރު، ދުވާލަކަށް 48 މައްސަލަ އަދި ކޮންމެ ގަޑިއިރަކަށް އެވްރެޖްކޮށް 2 ކުށުގެ މައްސަލަ ރިޕޯރޓްކުރެއެވެ. މިއީ ކޮންމެ 30 މިނެޓަކަށް މައްސަލައެކެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުން ދުވާލަކަށް އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ 2013 ވަނަ އަހަރުއެވެ. މިއަހަރު އެވްރެޖްކޮށް ދުވާލަކަށް 60 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި އެންމެ މަދުން ދުވާލަކަށް މައްސަލަ ހުށަހެޅިފައިވަނީ 2018 ވަނަ އަހަރުއެވެ. މިއަހަރު އެވްރެޖްކޮށް ދުވާލަކަށް 13 މައްސަލަ ހުށަހެޅިފައިވެއެވެ.

މި މުއްދަތުގައި ދުވާލަކު ގަޑިއެއްގެ އިރަށް އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ ކޮންމެ ގަޑިއަކަށް 3 މައްސަލަ ހުށަހެޅުނު 2013 ވަނަ އަހަރުއެވެ.

ކުރިއަށް ހުރި ލިޔުންތަކުގައި އެކި ކުށުގެ ބާވަތުން އެކުށްތައް ހުށަހެޅިފައިވާ އަދަދާއި، ހައްޔަރުކުރެވުނު މީހުންގެ ތަފާސް ހިސާބާއި، މައްސަލަތައް ގިނައިން ހުށަހެޅިފައިވާ ސަރަޙައްދުތަކާއި ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމަށް ބެލެވިގެންދާނެ އެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމްއަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް، ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަކޮށްފައިވާ ދިވެއްސެކެވެ.