ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލަކު ދިރިއުޅުއްވާ ގ. ހުމަށީގެ ސީސީޓީވީ ފުޓޭޖް ހޯދަން ފުލުހުން އެގެއަށް ވަދެ އެ ގޭގެ ސީސީޓީވީ ކެމެރާ ފްޓޭޖްތައް ގެންގޮސްފި އެވެ.
އެކަން ފުލުހުން ޔަގީންކޮށެއް ނުދެ އެވެ، ނަމަވެސް އޭގެގެ ސީސީޓީވީ ފުޓޭޖް ހޯދަން ފުލުހުން ދިޔަކަމަށާއި ގެންދިޔަ ކަމަށް މަންޒަރު ދުށް މީހުން ކަށަވަރުކޮށްދެ އެވެ.
ޔޫއެން ބިލްޑިންގް ހިމެނޭ ސަރަހައްދުގައި ހުންނަ އެ ގެއަށް ފުުލުހުން ވެދެ ސީސީޓީވީ ފްޓޭޖްތައް ގެންދިޔައިރު މިވަގުތު ސިންޕޫރުގައި ހުންނެވި ނައިބު ރައީސްގެ އެޕާޓްމަންޓެއް ހުންނަ ރެހެންދި -2ގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ މިއަދު ގެންގޮސްފައެވެ.
ރިއާސީ ލޯންޗުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ނައިބު ރައީސާ ގުޅުން ހުރި ބައެއް ތަންތަން ބަލައިފާސްކޮށް ބައެއް ތަންތަނުގެ ސީސީޓީވީ ފުްޓޭޖް ވަނީ ގެންގޮސްފައެވެ.
އޭގެ ތެރޭގައި އަދީބުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާމިދު އިސްމާއީލް (ގަލްފް ކްރާފްޓް ހާމިދު) އުޅުއްވާ މ. ޝުރާމަންޒިލް އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ނިހާން ދިރިއުޅުއްވާ ހ. މޫންލިޓްވިލާގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތަކާއި އަދީބުގެ ގާތް ބޭފުޅެއްކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އުޅުއްވާ ހ. ހިޔާކޯޅި އާއި އެމްއެމްޕީއާރްސީގެ އޮފީސް ހިމެނެ އެވެ.
ފިނިފެންމާގައި ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ވަރަށް ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި ނައިބު ރައީސަށް ދިއްކުރަމުން އަންނަ އިރު މައްސަލަ ބަލާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން ބުނެފައި ވަނީ މި މައްސަލައިގައި ވަކި މީހަކަށް އަދި ތުހުމަު ނުކުރާ ކަމަށާއި ކޮމިޝަންގެ ތަހުގީގު ދަތުރު ކުރަނީ ހެއްކާ ދިމާއަށް ކަމަށެވެ.
ތުުހުމަތުތަކާ ގުޅިގެން އަދީބު ވަނީ އެކަން ދޮގު ކުރައްވާ ދިފާއުގައި ދެފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައެވެ. ޗައިނާގެ ސިލްކްރޫޓް ނިންމުމުގެ ރަސްމިއްޔާތަށާއި އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އަދީބު މާލެ ވަޑައިގަންނަވަން އޮތީ މިއަދު އެވެ. ނަމަވެސް މިވަގުތު ސިންގަޕޫރުގައި މަޑު ކުރައްވައިގެން ހުންނެވިއިރު އަޑުތައް ފެތުރިފައި ވަނީ އެމަނިކުފާނު މާލެ ވަޑައިގަންވަނީ މި މަހުގެ 24 ގައި ކަމަށެވެ. އަދީބު ސިންގަޕޫރުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މެޑިކަލް ލީވެއް ނަންގަވައިގެން ކޮމިޝަނާ އޮފް ޕޮލިސް ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. އޭގެ ފަހުން އެމްޕީ ނިހާން ވެސް ވަނީ ސްރީލަންކާއަށް ވަޑައިގެންފައެވެ. މީގެ އިތުރުން އަދީބުގެ ގާތް ބައެއް އެހެން ފަރާތްތައް ވެސް މިވަގުތު ސިންގަޕޫރަށް ދަތުރު ކުރަމުން އަންނަ ކަމަށް ހަބަރުތައް ފެތުރިފައި ވެއެވެ.