އަހުމަދު ނިހާން ހުސައިން މަނިކު

ބޮޑު ހިޔާނާތް: ނިހާން ފުރުން މަނާކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކަށް ހުންނެވި ނިހާން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ނިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ނިހާން ފުރުން ވަނީ މަނާކޮށްފައި،" ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ހަދާފައިވާ ވަޓްސްއަޕް ގުރޫޕްގައި ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވެއެވެ.

ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ފުރައިގެން ބޭރަށް ދާން އުޅޭތީ ކަމަށް އަޑުފެތުރުނު ނަަމަވެސް އެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ޕީޖީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ނިހާންގެ ނަން ފާހަގަކުރައްވާ ދައުވާ ކުރަން ބޭނުންވާ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ނިހާންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވެއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިހާން އެ ކޮމިޝަނަށް ހާޒިރުކުރިކަން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ޖުމްހޫރީ ޕާޓީން ސިލްސިލާކޮށް ބާއްވަމުންދިޔަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ނިހާން ކޮންމެރެއަކުން އޭރު ވާހަކަ ދެއްކެވިއެވެ.

ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. ބޮޑު ހިޔާނާތުގެ ކަޅު ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ލިބިފައިވާ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. އެ ހިޔާނާތުގެ ތުުހުމަތު 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންނަށް ކުރެއެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
  • މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
  • ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
  • ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން

އަދި އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތުވެސް ވަނީ 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ޒިޔަތުވެސް ވަނީ ދައުލަތާއެކު އެއްބަސްވުން ހަދާފައެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާ ދައުލަތުން ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ރައީސް ސޯލިހުގެ ވެެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވާން ދާއިރު މިހާތަނަށް އެއްވެސް ފައިސާއެއް ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ކޮމިޝަނާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.