ރާއްޖެ ކުޅިވަރު

ބައިކޮޅަށް ގޯލު ޖަހަންވީ ކީއްކުރަން؟

ރާއްޖޭގެ ފުޓްބޯޅަ އަށް މިވަނީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ސަސްޕެންޝަނެއް ބޯމަތިވެފަ އެވެ. އެއީ ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބާ ހެދި އެވެ. މި އިންތިހާބު ބާއްވަން އަންގަނީ ފީފާއިންނެވެ. އެ ޖަމާއަތުން ބޭނުންވަނީ ދިވެހި ސަރުކާރުގެ އެއްވެސް ނުފޫޒެއްނެތި އިންތިހާބު ބާއްވާށެވެ. ނަމަވެސް ސަރުކާރުގެ ޑިމާންޑްތަކެއް އެބަހުއްޓެވެ. އެހުށަހެޅުންތަކާ ނުލައި އިންތިހާބު ނުބާއްވަން ސަރުކާރުން ދަނީ އަންގަމުންނެވެ.

މި މައްސަލައިގެ ތެރެއަށް ފުންކޮށް ވިސްނާލަމާ ހެއްޔެވެ؟ ރާއްޖޭގެ އިހްތިސޯސް ހިނގާ ސަރަހައްދުގައި އެންމެ އިސްވާނީ ދިވެހިޖުމުހޫރިއްޔާގެ ގާނޫނު އަސާސީ އެވެ. އެކަމަކު ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކަށް ވެސް ފުރިހަމައަށް ބޯލަބަންޖެހެ އެވެ.

2008 ގައި ވެސް ފީފާއިން ސަރުކާރުގެ ބަހެއް ނޭހި

ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު ކަލީމް މަގާމުން ދުރުކޮށް ބޭއްވި އިންތިހާބުގައި އޭނާއާ ވާދަކޮށް، އަލީ އާޒިމާއި ހިޔަލީ މުހައްމަދު ރަޝީދު ކާމިޔާބު ކުރެއްވި އެފްއޭއެމުގެ އެންމެ ފުރަތަމަ އިންތިހާބުގައި ވެސް ދިމާވީ ހަމަ މިމައްސަލަ އެވެ. އެފަހަރުގެ އިންތިހާބުގެ މައްސަލަ ގޯހުންގޯހަށް ދިއުމުން 2007 ވަނަ އަހަރު އެއިރުގެ ކުޅިވަރާ ބެހޭ ވަޒީރު އެފްއޭއެމުގެ އިންތިހާބު ބާއްވަން އިންޓަރިމް ކޮމިޓީއެއް އެކުލަވާލި އެވެ. ވަޒީރު އެކޮމިޓީ އެކުލަވައިލީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި މިނިވަން ބޭފުޅުން ހިމަނުއްވައިގެންނެވެ. އެކަމަކު ފީފާއިން، އެކޮމިޓީ ގަބޫލެއް ނުކުރި އެވެ. އެޖަމާއަތުން ވިދާޅުވީ އެފްއޭއެމުގެ އިންތިހާބު ސަރުކާރުގެ ނުފޫޒެއްނެތި ބާއްވަން ބޭނުންވާ ކަމަށެވެ.

މިކަމާ އެއިރު ފުޓްބޯޅައިގެ ބައެއް ފަރާތްތަކުންނާއި ސަރުކާރުން ތަކުރާރުކޮށް ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ. ބުނަމުންދިޔައީ އެފްއޭއެމަށް ސަރުކާރުން ގިނަ ފައިސާތަކެއް ހޭދަކުރާއިރު ސަރުކާރުގެ ބަސް ވިކެން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށާއި ބޭރުގެ ޖަމާއަތަކަށް ދިވެހިންގެ އަމިއްލަ މުއައްސަސާއަކަށް ބާރު ފޯރުވިގެން ނުވާނެ ކަމަށެވެ. އެއްބަޔަކު ސްޕޯޓްސް ކައުންސިލްގެ މެމްބަރަކު އެފްއޭއެމުގެ އެކްސްކޯގައި ހިމެނުމަށް ވެސް ބާރުއެޅި އެވެ.

ނަމަވެސް މިވާހަކަތަކަށް ފީފާ އިން ބީރުކަންފަތެއް ދިނީ އެފްއޭއެމަކީ މިނިވަންތަނެއް ކަމަށާއި ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ހަރަކާތްތެރިވާން ބޭނުންނަމަ ފީފާގެ ގަވާއިދަށް ރާއްޖެ ވެސް އަމަލުކުރަން ޖެހޭ ކަމަށް އޮކްޓޫބަރު 27، 2007 ގައި ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނުމަށްފަހު އެވެ. އެންމެފަހުން ސަރުކާރަށް އެގޮތް ހަދަން މަޖުބޫރުވި އެވެ. އަދި ފީފާގެ އެދުމުގެ މަތީން އޭއެފްސީގެ އެއިރުގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ޕޯލްމަނީ ރާއްޖެ ވަޑައިގެން ވަރަށް ގިނަ ބަޔަކާ މަޝްވަރާކުރުމަށްފަހު ފީފާއަށް ފެންނަ ބަޔަކު ހިމަނައިގެން އާކޮމިޓީއެއް އެކުލަވާލި އެވެ.

އެ ކޮމިޓީގެ ޗެއާމަނަށް ހުންނެވީ ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަހުމަދު ޝާހިރެވެ. ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވުމުން ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބިވަޑައިގެން ޔޫތު މިނިސްޓަރުގެ މިހާރުގެ ނައިބް ޝާހު އިސްމާއީލެވެ. ފީފާގެ މި ނިންމުމަށް އެއިރު އެންމެ ބޮޑަށް ތާއީދު ކުރެއްވި ބޭފުޅަކީ ވެލެންސިއާގެ މުއައްސިސް އަދި ކުޅިވަރުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެން ހުންނެވި ހިޔަލީ އެވެ. ނޮވެމްބަރު 29، 2007ގައި ހިޔަލީ ވިދާޅުވެފައިވަނީ އެފްއޭއެމްގެ މައްސަލަ ހައްލުކުރަން ފީފާ އިން ނުވަންނަމަ އެކަން ރަނގަޅުނުވީސް ކަމަށާއި މިނިވަން އިންތިހާބެއް ބާއްވަން އެފްއޭއެމަށް ންގައިފައި އޮންނަތާ އަހަރަކަށް ވުރެ ވެސް ގިނަވެއްޖެ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ހުއްދަ؟

ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެފްއޭއެމަކީ ވެސް އާދައިގެ ކުލަބު ޖަމިއްޔާއެކެވެ. މިހެންވެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީން ފާސްކުރަންޖެހެ އެވެ. އެކަމަކު އެފްއޭއެމަކީ ގައުމީ ކުޅިވަރު ޖަމިއްޔާއެކެވެ. ފުޓްބޯޅައިގެ ހަރަކާތްތަކުގައި އެހެން ޖަމިއްޔާތަކަށް ބައިވެރިވެވެނީ އެފްއޭއެމުގެ މެމްބަރަކަށްވެގެންނެވެ. އެތަނުގެ ރައީސަކު ހޮވަން ވޯޓުލަނީ ވެސް ވެލެންސިއާ އާއި ވިކްޓަރީ އާއި ނިއުރޭޑިއަންޓާއި މާޒިޔާ ފަދަ އެފްއޭއެމުގެ މެމްބަރުން އަދި ހޯމް މިނިސްޓްރީގައި އެފްއޭއެމް ފަދައިން ރަޖިސްޓްރީ ކޮށްފައިވާ ކުލަބު ޖަމިއްޔާތެކެވެ.

ތަފާތަކީ އެއިން ޖަމިއްޔާގެއެއްގެ މެމްބަރަކަށް އެފްއޭއެމް ނުވާތީ އެވެ. ނަމަވެސް ބަދަލުވަމުންދާ ފުޓްބޯޅައިގައި މިހާރުވެސް ފުޓްބޯޅައިގައި މިކުލަބުތަކަށް ހޯމް މިނިސްޓްރީއަށްވުރެ ބޮޑަށް އެފްއޭއެމުގެ ބަސް އަހަންޖެހެ އެވެ. އެއީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ގަވާއިދު ބައްޓަން ކޮށްފައި އޮތްގޮތެވެ.

އަނެއްކޮޅުން އެފްއޭއެމަކީ ފީފާގެ ވެސް މެމްބަރެކެވެ. ފިފާގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުން ހަދަން ޖެހޭނީ ފިފާއިން ބުނާގޮތެވެ. ސަރުކާރުގެ ނުފޫޒެއް އޮވެގެންނުވާނެ އެވެ. އެހެންނޫނީ ޖެހޭނީ އެޖަމާއަތުން ވަކިވާށެވެ. ނިއު އާއި ވިކްޓަރީ ފަދަ ކުލަބުތަކުން ވެސް ފީފާ ބުނާގޮތް ހަދަން މަޖުބޫރުވާނެ އެވެ.

މިކަމުގައި އިތުރަށް ވިސްނާލާއިރު ހޯމް މިނިސްޓްރީން އަސާސީ ގަވާއިދު ފާސްކޮށްގެން އެފްއޭއެމަށް ވާނެ މޮޅުތަކެއް ވެސްނެތެވެ. ސަބަބަކީ އެފްއޭއެމުން އަމަލުކުރަންޖެހޭނީ ފީފާގެ އަސާސީ ގަވާއިދަށް ކަމަށްވުމެވެ. މިނިސްޓްރީން ގިނަ ފަހަރަށް ޖަމިއްޔާތަކުން އަހަރީ ރިޕޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިއުން ފޮނުވިތޯ ވެސް ބަލާނުލަ އެވެ. ބަލާނަމަ އެންމެ ފުރަތަމަ ފިޔަވަޅު އަޅައި އުވާލަންޖެހޭ އެއް ތަނަކީ ވެސް އެފްއޭއެމެވެ.

ކުރީގެ ރައީސް އިލްހާމު އަހުމަދުގެ ދައުރުގައި ކޮންގްރެސް ނުބާއްވައި ބަޖެޓް ފާސްނުކޮށް، އެފްއޭއެމް ހިންގިއިރު ހޯމް މިނިސްޓްރީ އޮތީ ނިދާފަ އެވެ. އެއިރު އެފްއޭއެމާ ދެކޮޅަށް މަސައްކަތް ކުރި ބޭފުޅުން އިލްހާމު މަގާމުން ދުރުކުރީ މިކަންކަން ފީފާ އަށް ހުށަހަޅައިގެންނެވެ. ހޯމް މިނިސްޓްރީއަކާ ނުބައްސަ އެވެ.

ސަރުކާރުން ދޭ ފައިސާ

ނިސްބަތުން ސަރުކާރުން އެފްއޭއެމް ހިންގަން ވަރަށް ބޮޑު އެހީތަކެއްވެ އެވެ. އެކަމަކު ބަޖެޓްގެ ބޮޑުބައި ހަރަދު ކުރަނީ ފީފާ އާއި އޭއެފްސީންނެވެ. އެ ދެތަނުން ދޭ އަދަދާ ގާތްކުރާ ވަރަށް ވެސް ސަރުކާރަށް އެފްއޭއެމަށް ފައިސާ ނުދެވެ އެވެ. މި އަހަރުގެ މިހާތަނަށް ސަރުކާރުން އެފްއޭއެމަށް ދީފައިވަނީ ހަތަރު މިލިއަނެއްހާ ފައިސާ އެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ވެސް ގައުމީ ޓީމު ކުޅުންތެރިންނަށް މުސާރަދިނުމާއި، އޭއެފްސީ ކަޕަށްދާ ޓިމުތަކުގެ ޓިކެޓް ހަރަދާއި ކޯޗުންނަށް މުސާރަދިނުން ފަދަ ކަންތައްތައް ވެސް ސަރުކާރުން ކޮށްދެ އެވެ. އެކަމަކު ކޮންމެ އަހަރަކު ނަގުދު ފައިސާގެ ގޮތުގައި ފީފާއިން އެފްއޭއެމަށް 250000 ޑޮލަރުދެ އެވެ. މީގެ އިތުރުން ދަނޑުތައް އަޅައިދިނުމާއި ރެފްރީންނާއި ކޯޗުން ތަމްރީނު ކުރުމާއި އެނޫންއެތައް އެހީތައް ފީފާއިންވެދެ އެވެ. ހަމައެގޮތަށް ނިއު އާއި މާޒިޔާ ފަދަ ކުލަބުތަކަށް ވެސް ސަރުކާރުން ފައިސާދެ އެވެ. އެކަމަކު ނިއު އާއި މާޒިޔާ ފަދަ ކުލަބުތަކުން ފައިދާއެއް ހޯދިނަމަ ހޯދާފައިވަނީ އޭއެފްސީ ކަޕުން ލިބޭ ފައިސާ އަށް ބަރޯސާވެގެންނެވެ.

ކުވޭތު ސަސްޕެންޑްކުރީ ކީއްވެ؟

ފިފާއިން އެންމެ ފަހުން ސަސްޕެންޑްކުރި ގައުމަކީ ތެލުން ފުރިގެންވާ މުއްސަދި ކުވޭތެވެ. އެއީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނު ބަދަލު ނުކޮށްގެންނެވެ. ފީފާއިން އެދުނީ ކުވޭތުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ކުލަބުތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށެވެ. ނަމަވެސް ފީފާއިން ބުނި ދުވަހަށް އެކަން ނުކުރުމުން ކުވޭތު ސަސްޕެންޑްކުރީ އެކަންނުކުރާހާ ހިނދެއްގައި ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށެވެ.

ރާއްޖެ ސަސްޕެންޑްކުރުމުން ވާނީ ކިހިނެތް؟

ރާއްޖެ ސަސްޕެންޑްކޮށްފިނަމަ ފުރަތަމަ ކަމަށް އެއީ ގައުމީ ޓީމަށް ދެއްކޭ ރަތްކާޑެކެވެ. އެއްވެސް މެޗެއް ނުކުޅެވޭނެ އެވެ. ޑިސެމްބަރު މަހު ބާއްވާ ސާކް ސަރަހައްދުގެ "ވޯލްޑް ކަޕް" ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ވެސް ނުކުޅެވޭނެ އެވެ. އަންނަ އަހަރު އޭއެފްސީ ކަޕުން ދިވެހި ޓީމަކަށް ޖާގަ ނުލިބޭނެ އެވެ. އެއިރުން މާޒިޔާ ފަދަ ކުލަބުތަކުން ހޭދަކުރި އެތައް މިލިއަން ރުފިޔާއެއް ބޭކާރުވީ އެވެ.

ހަގީގަތަށް ބުނާނަމަ ކުޅިވަރާ ބެހޭ މިނިސްޓްރީން އިންތިހާބު ފަސްކުރަން އެދި ފީފާ އަށް ސިޓީ ފޮނުވި ހިސާބުން ރާއްޖެ ސަސްޕެންޑް ކުރެވިދާނެ އެވެ. އަދި ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ރާއްޖެ ވަޑައިގެން ކުޅިވަރާ ބެހޭ ވަޒީރާއި ހޯމް މިނިސްޓްރާ ބައްދަލުކުރި ހިސާބުން ވެސް ރާއްޖެ ސަސްޕެންޑް ކުރުމުގެ ބާރުއެބައޮތެވެ. އަމުދުން ޖަމިއްޔާތަކުގެ ރަޖިސްޓްރާ އެބޭފުޅުންނާ ބައްދަލުނުކުރުމަކީ ވެސް އިތުރު ބެލުމެއްނެތި ރާއްޖެ ސަސްޕެންޑްކުރެވިދާނެ ކަމެކެވެ.

ޕޯލްމަނީ ރާއްޖެ ވަޑައިގެން 2007 ވަނަ އަހަރު ވިދާޅުވީ މިހެންނެވެ: "ރާއްޖޭގެ ގާނޫނު ކޮންމެ ގޮތަކަށް އޮތަސް ފީފާއިން އަންގާ ގޮތަށް އަމަލުކުރަންޖެހޭނެ،" ކަމަށެވެ. ފީފާގެ އެ ނިންމުމަކީ އެ ޖަމާއަތުން އަދިވެސް ހިފަހައްޓަމުން އަންނަ އުސޫލެވެ. ފީފާ އަށް ބޯލަބަން ބޭނުންނުވެގެން ރޭންކިންގެ 176 ވަނާގައި އޮތް ކުޑަކުޑަ ރާއްޖެ އެ ޖަމާއަތުން ވަކިވުމަކުން ފީފާއަށް ވާނެ ގެއްލުމެއްނެތެވެ. މީގެ ކުރިން އެފްއޭއެމާ ދެކޮޅަށް ފީފާއަށް ކުޅެދިން ބޭފުޅުން ވެސް ސަރުކާރުގައި އިސްކޮށްތިބެ ބައިކޮޅަށް ގޯލު ޖެހުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟