- މި މައްސަލަ އާއި ހަމަލާއާ ގުޅުމެއް ނެތް
- މައްސަލައަކީ އެފްއޭއެމްގެ މައްސަލައެއް
- ރާއްޖޭގެ ގާނޫނުތައް އެއްފަރާތް ކޮށްފައި ނުދެވޭނެ
އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ލަސްވެގެން އުޅެނީ އެ އިދާރާގެ ސަބަބުން ކަމަށާއި އެފްއޭއެމާމެދު ވަރަށް ގިނަ ބަޔަކު ޝަކުވާކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި އެފްއޭމާ ދެމެދު ޖެހިފައިވާ މައްސަލާގައި ފީފާގެ ސަސްޕެންޝަނެއް ބޯމަތިވެފައިނިކޮށް "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ "ސަރުކާރުން އެއްވެސް ނުފޫޒެއް ނޯންނާނެ" ކަމަށާއި ނަމަވެސް އެފްއޭއެމުގެ މައްސަލައަކީ މިހާރު "ނެޝަނަލް އިންޓެގްރިޓީ އިޝޫއެއް،" ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެފްއޭއެމް، އެސޯސިއޭޝަން އެހާ ބާރުގަދަ ތަނަކަށްވާކަށް ނުޖެހޭ. އަޅުގަނޑުމެންނަކަށް ނުބުނެވޭނެ ރާއްޖޭގެ ގާނޫނުތައް ބަހައްޓާފައި ފީފާގެ ގަވާއިދުތަކާ އެއްގޮތަކަށް ދާށޭ. ވަރަށް ގިނަ ކޮމްޕްލެއިން [ޝަކުވާ] ތައް ދަނީ ލިބެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެފްއޭއެމުގެ އަސާސީ ގަވާއިދަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އަސާސީ ގަވާއިދުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ. އަދި "އިންތިހާބަށް ކުރިމަތިލެއްވީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދަށް އެކަނި" ކަމަށާއި މިއީ ވެސް "ޕަބްލިކްގެ ޝަކުވާ ލިބެމުން އަންނަ ކަމެއް،" ކަމަށެވެ.
"ހަމަ އެ އޮތްގޮތަށް ނޯމަލައިޒޭޝަން ކޮމިޓީ މި އަންނަނީ. ޝަވީދު އެކަނި ކުރިމަތިލެއްވީ. ދެން އޭސީސީ އަށް ހުށަހެޅުނު މައްސަލަ ބަލައި ނިމެންދެން އިންތިހާބު ލަސްކުރަން އަޅުގަނޑުމެން އެދުނީ. އެއީ ސަރުކާރުން ފައިސާ ދެމުންދާއިރު އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ބަލަންޖެހޭ ބައެއް އަޅުގަނޑުމެންނަކީ ވެސް،" އިންތިހާބަށް ނުފޫޒު ފޯރުވަން އެފްއޭއެމްގެ ވެރިން ކޮރަޕްޝަން ހިންގާ ކަމަށް ހުށަހަޅުމުން އޭސީސީން އެކަން ބަލައި އެއީ ދޮގެއް ކަމަށް ބުނި މައްސަލައާ ބެހޭ ގޮތުން ޒުހޫރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަސާސީ ގަވާއިދު އެފްއޭއެމުން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރާ ކަމަށާއި ނަމަވެސް އެ ގަވާއިދުގެ އިނގިރޭސި ކޮޕީ ފޮނުވި ކަމަށް އެފްއޭއެމުން ބުނާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީ ބެލިބެލުމުގައި ލިޔެކިއުމުން އެކަން އެނގޭކަން ނެތް ކަމަށާއި ފަހުން ދިވެހި ކޮޕީ ހޯމް މިނިސްޓްރީ އަށް ފޮނުވި ނަމަވެސް އެގަވާއިދު ބަލައި ހަދަން މަދުވެގެން 10 ދުވަސް ބޭނުންވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.
"އެފްއޭއެމުން އަޅާނުލައި ތިބީ [މިހާދުވަހު] އެފްއޭއެމުން މިހާރު ވެސް ބުނަންވީ މިއީ އެބޭފުޅުންގެ އެޑްމިނިސްޓްރޭޝަން ޕޮރޮސެސްގެ އެރާ އެކޭ. އެއިރުން ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީ އެކްސްޓެންޑް ކޮށްދެއްވާނެ ނޫންތޯ. ކީއްވެތޯ އެކަން އެފްއޭއެމުން ކޮށްފިއްޔާ ފީފާއިން އެކަން ކޮށް ނުދޭންވީ. މިހާ ކުޑަ މައްސަލައެއް މިއީ. މިއީ އެއްގޮތަކަށް ވެސް ޒާތީ ކަމެއްނޫން. މިނިސްޓްރީއާ އެބޭފުޅުންނާ އެއްވެސް މައްސަލައެއްނެތް. އަޅުގަނޑަށް ދެވުނު ނަސޭހަތެއް ވެސް އެބޭފުޅުންނަށް މިހާރު ވެސް ދީފިން. މިކަން ރަނގަޅުކޮށްފައި ދާށޭ ވެސް ބުނެފިން،" ޒުހޫރު ވިދާޅުވި އެވެ.
ފީފާގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައި އެފްއޭއެމުގެ އިންތިހާބު ލަސްކުރަން މިނިސްޓްރީން ބާރު އަޅަނީ ރައީސުލްޖުމުހޫރިއްޔާގެ ލޯންޗްކޮޅަށް ދެއްވި ހަމަލާއާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ފުޓްބޯޅަ ފެމެލީގައި ދެކެވެމުން އަންނަ ވާހަކަ މިނިސްޓަރު ދޮގު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި ވީ އެންމެ ބޮޑަކަށް އެފްއޭއެމަށް އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
މި މައްސަލާގައި ރޭ ދަންވަރު އެފްއޭއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޔޫތު މިނިސްޓަރާއި ހޯމް މިނިސްޓަރާއެކު ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ބޭއްވި ބައްދަލުވުން ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ސަރުކާރުން އެއްބާރުލުން ނުލިބޭތީވެ ސަރުކާރާއެކު މިއަދުގެ ނިޔަލަށް މަޝްވަރާކުރަން މިރެ އަށް އިންތިހާބު ފަސްކޮށްފައިވާ ކަމަށެވެ.