ހަބަރު

ހިލަ ނުގެނެވިގެން 15 ބަނދަރެއްގެ މަސައްކަތް މެދުކެނޑިއްޖެ

ހިލަ ނުގެނެވިގެން 15 ބަނދަރެއްގެ މަސައްކަތް މެދުކެނޑިއްޖެ ކަމާއި ބަޖެޓުގެ ދަތިކަން ހުއްޓަސް މިހާރު އެކި ޕްރޮޖްކެޓްތަކުގައި ސޮއިކޮށްފައިވާ ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މިއަހަރު ތެރޭގައި ފެށި ބައެއް މަޝްރޫއުތައް މިހާރު މަޑުޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދެވިގެން ނޫން ކަމަށެވެ.

މިއަހަރު ތެރޭގައި އަތޮޅުތަކުގައި 35 ވަރަކަށް ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށި އިރު އޭގެ ތެރެއިން 15 ވަރަކަށް ރަށުގެ މަސައްކަތް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މަސައްކަތް މެދުކަނޑާލަން ޖެހެނީ ބޭރު ތޮށި ހަދަން ބޮޑު ހިލަ ޖަހަން ޖެހޭ ހިސާބުން ކަމަށެވެ. ހިލަ ހޯދުމާއި ގެނައުމުގައި، މިހާރު ހުރި މަދު ވަސީލަތްތަކާ ހެދި އެމްޓީސީސީން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" ބޮޑު ހިލަ ސޯސް ކުރުމުގައި ބޮޑަށް މި ލަސްވަނީ. އިންޑިޔާ އިންނާއި މެދިއިރުމަތިން މި ހިލަތަށް ގެންނަނީ. ގެންނަ އިރުގަ މިދިމާވާ އެންމެ ބޮޑު ދައްޗަކީ ބާޖުތައް މަދުވުން. އެއީ ވެސް ހައްލުކުރަންޖެހިފައި އޮތް މައްސަލައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ފަށާފައިވާ ޕްރޮޖެކްޓްތައް އެއްބަސްވުމުގައިވާ ވަގުތުގެ ތެރޭގައި ނިންމަންޖެހޭތީ، ހިލަ އުފުލާ އިތުރު ބާޖު ހޯދަން އެމްޓީސީސީން މިހާރު އިންވެސްޓް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ކުންފުނީގެ ހަރަދުގައި ހަތަރު ބާޖު މިހާރު ގަނެފައިވާތީ، ހުއްޓިފައިވާ މަސައްކަތްތައް އަނެއްކާވެސް ފެށިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގިނަ ރަށްރަށަށް ބޭނުންވާ ހިލަ މިއަހަރު ތެރޭގައި ލިބި ބޭރު ތޮށީގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން އަޅުގަނޑުމެންނަށް ވަނީ ދީފައި، ދެން އޮތީ ބަޖެޓް. ބަޖެޓުގަ ތާށި ހުއްޓަސް ސޮއިކޮށްފަ ހުރި ކޮންޓްރެކްޓަރަކަށް ފައިސާ ނުދީއެއް ނޯންނާނެ " މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ހައުސިން މިނިސްޓްރީގެ ހުރިހާ މަޝްރޫއެއްވެސް ފަށާފައިވާނީ، ބަޖެޓުގައި ފައިސާ ހުރި ވަރަށް ބަލައި، އެޑްވާންސް ޕޭމަންޓުން ފެށިގެން މުޅި މަޝްރޫއަށް ހަރަދުވާ ވަރަށް ފައިސާ ހުރިކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ.
"އެހެންވީމަ ފައިސާ ނެތިގެން މަޝްރޫއުތައް މަޑުޖެހި، ރައްޔިތުންނަށް މިނިސްޓްރީން ދޭނެ ޖަވާބެއް ނޭނގޭ ހިސާބަށް އެއްވެސް ކަމެއް ނުދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.