ޝަރުއީ ދާއިރާ ރިފޯމް ކުރުން

"އިންސާފުގެ ވައުދުގެ ގިނަ ގާނޫނުތައް ނިމުނީ"

Dec 18, 2020
1

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިގާލީ އިންސާފުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާ ގާނޫނަކަށް ބަދަލުވުމުން އެމްޑީޕީގެ "އެޖެންޑާ 19" އިގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނުތައް ފާސްވެ ނިމުނީ ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާނުވި، ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމާ ހަމައަށް ހިނގައިދިިޔަ 65 އަހަރުގެ މުއްދަތުގެ ތެރޭ ދައުލަތުގެ މުއައްސަސާތަކާއި އިސް ވެރިން އިންސާނީ ހައްގާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގި ކަމަށް ބުނާ ކަންކަން ތަހުގީގު ކުރަން ރާއްޖެއިން އިންތިގާލީ އިންސާފުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސްކޮށް ރައީސް ތަސްދީގު ކުރެއްވުމާއެކު އެކަމަށް ބޭނުންވާ އޮމްބޮޑްސްމަން އޮފީސް ވެސް އިއްޔެ ގާއިމް ކުރުމުންނެވެ.

ޖޭއެސްސީގެ މެންބަރު ކަމުގައި ވެސް އިންނަވާ ރައީސް ނަޝީދުު ވަނީ ރައީސް ސޯލިހާއި އެމްޑީޕީގެ މެންބަރުންނާއި ބަންޑާރަ ނައިބުގެ އޮފީހާއި ރައްުޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ސަބަހާ ތައުރީފު ރައްދު ކުރައްވާފަ އެވެ.

އަނެއްކޮޅުން މި ގާނޫނާ ގުޅިގެން ވަރަށް ގިނަ ބައެއްގެ މެދުގައި ހިޔާލު ތަފާތުވެފައިވެ އެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ގެންދަނީ މިކަމަށް ފާޑު ކިޔަމުންނެވެ.

ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ އިސް ވެރިން ގެންދަވަނީ މި ގާނޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ކޮންގްރެސް ޕާޓީގެ އެއް ނައިބު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މާޒީ ހާވާ ގާނޫނެއް ހަދައިގެން ބޭކާރު ހަރަދުތަކެއް ކުރަން މި ސަރުކާރުން ފެށި މަސައްކަތަކީ ބަދަލު ހިފުމައި ހަސަދަވެރިކަން ކުރިޔަށް ނެރުން ކަމަށެވެ. އެއިން ނުކުންނާނެ ނަތީޖާއަކީ ރާއްޖޭގެ އޮތް "ސިނާއީ ސުލްހަ" މަރު ވެގެން ދިއުން ކަމަށެވެ.

އަދި އެ ޕާޓީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ ގާނޫނަކީ ވެރިކަންކުރާ ކޮންމެ މީހަކު ޖަލަށްލުމަށް ހެދި ދަންތުރައެއް ކަމަށެވެ. އަދި އެ ދަންތުރައިން އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސަލާމަތް ނުވާނެ ކަމަށެވެ.