މައްސަލަތައް އުފެދި ބޮޑު ކޯޅުގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އެފްއޭއެމްގެ އިންތިހާބު ކެންސަލްކޮށް ރާއްޖޭގެ މައްސަލަ ފީފާގެ އެމެޖެންސީ ކޮމިޓީ އަށް ފޮނުވަން ނިންމައިފި އެވެ.
އެފްއޭއެމުން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމުގެ ހިންގާ ކޮމިޓީ ހޮވަން ބާއްވަން އުޅުނު އިންތިހާބު ކެންސަލް ކުރަން ޖެހުނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ނުލިބިގެން ކަމަށެވެ. އަދި އެފްއޭއެމާއި ފީފާ އާއި އޭއެފްސީން މިދިޔަ ތިން ދުވަހު ކުރި މަސައްކަތުން އިންތިހާބަށް ފުރުސަތު ނުލިބުނު ކަމަށެެވެ.
އެފްއޭއެމުން ބުނެފައިވަނީ އިންތިހާބު ބާއްވަން އިއްޔެ އާއި މިއަދު އޭއެފްސީ އާއި ފީފާ އަދި އެފްއޭއެމުގެ އޮފިޝަލުން ކުރި މަސައްކަތް ފީފާގެ އޮފިޝަލުން ފުޓްބޯޅައިގެ އެންމެ ބާރުގަދަ ޖަމާއަތަށް ރިޕޯޓްކުރާނެ ކަމަށެވެ. އަދި އެއަށްފަހު ފީފާގެ އެމެޖެންސީ ކޮމިޓީ އަށް މިމައްސަލަ ފޮނުވަމައްޓަކައި އޭއެފްސީ އާއި ފީފާގެ އޮފިޝަލުން އިއްޔެ އެފްއޭއެމާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރާއި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާ ބައްދަލުކޮށް ކުރެވުނު މަޝްވަރާގެ މައްޗަށް ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށެވެ.
އިމަޖެންސީ ކޮމިޓީން މިފަދަ ކޮންމެ މައްސަލައެއްގައި މިހާތަނަށް ނިންމާފައިވަނީ އެ ގައުމެއް ސަސްޕެންޑްކުރުމަށެވެ.
އެފްއޭއެމުގެ ނޫސްބަޔާނުގައި މީގެ އިތުރުން ބުނެފައިވަނީ އެފްއޭއެމުގެ އިންތިހާބު ބާއްވަން ފީފާއިން މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި އަންނަ ހުކުރު ދުވަހު ނިމުމަކަށް އަންނާނެ ކަމަށެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ އޭއެފްސީގެ އެކްސްކޯ މެމްބަރު މުހައްމަދު ޝަވީދު އެކަނި ކުރިމަތިލެއްވި އިންތިހާބު ނުބޭއްވިއްޖެނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ. އަދި ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އިއްޔެ އާއި މިއަދު ކުރި މަސައްކަތަށް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއ ހޯމް މިނިސްޓްރީން ވެސް އެއްބާރުލުން ނުލިބުނު ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. މި ގޮތުން ހޯމް މިނިސްޓްރީގެ ރަޖިސްޓްރާއާ ބައްދަލުކުރަން އެ ބޭފުޅުން ކުރި މަސައްކަތް އިއްޔެ ވެސް އަދި މިއަދު ވެސް ކާމިޔާބުނުވި އެވެ. އަދި އިއްޔެ ހަވީރު ހޯމް މިނިސްޓްރާއި ޔޫތު މިނިސްޓްރާ ބައްދަލުކޮށްގެން ވެސް މިކަމަށް ހައްލެއް ނުލިބުނެވެ.
އެފްއޭއެމުގެ އިންތިހާބަށް ނުބާއްވަން އެންމެ ފުރަތަމަ އެންގީ ޔޫތު މިނިސްޓްރީންނެވެ. މިނިސްޓަރު ޒުހޫރު ސޮއިކުރައްވައި އޭއެފްސީ އާއި އެފްއޭއެމަށް ސިޓީ ފޮނުވީ އެފްއޭއެމުގެ ފައިސާ އެތަނުގެ ވެރިންގެ އެކައުންޓަށް ޖަމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުދޭ ކަމަށްބުނެ އެވެ.
ނަމަވެސް އޭސީސީން ބައްސަލަ ބަލައި އެފަދަ ކަމެއް ނޫޅޭ ކަމަށް ނިންމުމުން ދެން މި މައްސަލައިގެ ތެރެއަށް ފީނައިގަތީ ހޯމް މިނިސްޓްރީ އެވެ. އެ މިނިސްޓްރީން އެފްއޭއެމުގެ އަސާސީ ގަވާއިދު ރަޖިސްޓްރީކޮށްނުދިނީ މާފަހުން ހުށަހެޅި ކަމަށްބުނެ އެވެ.
ނަމަވެސް އެފްއޭއެމުން ބުނީ މިދިޔަ ސެޕްޓެމްބަރު މަހު ފަހެއްގައި ފީފާ އާއި އޭއެފްސީ އަދި ޔޫތާއި ހޯމް މިނިސްޓްރީގެ ބޭފުޅުންގެ ހާޒިރުގައި ފާސްކުރި އަސާސީ ގަވާއިދު ފާސްކުރަން ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހޯމް މިނިސްޓްރީ އަށް ފޮނުވި ކަމަށެވެ. އަދި އެފްއޭއެމުން ބޭނުންވުމުން މިދިޔަ ހޯމަ ދުވަހު އަސާސީ ގަވާއިދުގެ ދިވެހި ކޮޕީއެއްވެސް ފޮނުވި ކަމަށެވެ. ނަމަވެސް މިކަން ޔޫތު ދޮގުކުރައްވައި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ލިޔެކިއުމުން އެކަން ފެންނަން ނެތް ކަމަށެވެ. އަދި ހޯމަ ދުވަހު ފޮނުވި އަސާސީ ގަވާއިދު ބަލައި ފާސްކުރަން 10 ދުވަސް ބޭނުންވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އެންމެ ފަހުން މިކަން ހައްލުކުރަން އިއްޔެ އާއި މިއަދު ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އުޅެއުޅެ ވެސް ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކުގެ ރަޖިސްޓްރާއާ އެބޭފުޅުންނާ ބައްދަލުވާގޮތްވަނީ ނުވެފަ އެވެ. މިހެންވެ އެފްއޭއެމުން ނެރުނު ބަޔާނުގައިވަނީ ރާއްޖެއާ މެދު ފީފާއިން އަޅާ ފިޔަވަޅެއްގެ ޒިންމާ ނަންގަވަން ޖެހޭނީ ރަޖިސްޓްރާ ޔޫސުފް އަބުދިލްގަފޫރު ކަމަށެވެ. ފީފާ ގަބޫލުކުރާ ގޮތުގައި ޖަމިއްޔާތަކުގެ ގާނޫނުގައި އޮތްގޮތަށް އެފްއޭއެމުގެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީން ފާސްކުރުމަކީ ސަރުކާރުގެ ނުފޫޒު އެފްއޭއެމަށް އޮތުމެވެ.
މި މައްސަލާގައި އެފްއޭއެމާއި ޔޫތު މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ ލަފާ ވެސް ހޯދައިފަ އެވެ. އެމަނިނުފާނު ލަފާ ދެެއްވީ ހޯމް މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް އޮތުމުން އެފްއޭއެމުގެ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ބޭއްވޭނެ ކަމަށެވެ.
ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފިނަމަ އަންނަ ޑިސެމްބަރު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ އަށް ނުކުޅެވޭނެ އެވެ. އަދި އަންނަ އަހަރުގެ އޭއެފްސ ކަޕުން ރާއްޖޭގެ ޓީމަކަށް ޖާގަވެސް ނުލިބޭނެ އެވެ.