އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތައް އަލުން ދޫކުރަން ފަށާއިރު، ކޮވިޑް-19 ގެ ހާލަތާ ގުޅޭ ގޮތަށް ބަދަލު ތަކެއް ފެނިގެން ދިއުން އެކަށީގެންވާ ކަމަށް ބުނެފި އެވެ.
އެސްޑީއެފްސީ އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ދޫކުރަމުން އައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަގުތީ ގޮތުން މިމަހުގެ 25 އިން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް މެދުކަނޑާލަން ވަނީ ނިންމާފަ އެވެ.
މި ނިންމުމާ ބެހޭ ގޮތުން އަވަސް އަށް ވާހަކަ ދައްކަވަމުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވި ގޮތުގައި ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އަހަރު ނިންމުމާ ދިމާކޮށް ލޯނު އެޕްލިކޭޝަން ނެގުން މެދުކަނޑާލާ ކަމަށާ، މި ފަހަރު ވެސް އެގޮތަށް ނިންމީ އެހެން ވެގެން ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ދޫކުރާ އެސްޑީއެފްސީގެ އެމްޑީ އިތުރަށް ވިދާޅުވި ގޮތުގައި އަލުން ލޯނު ދޭން ފަށާއިރު ކޮވިޑް-19ގެ ސަބަބުން މިހާރު އިގްތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އިކޮނޮމީ މިހާރު ހުޅުވެމުންދާ ހުޅުވުމަށް ވެސް ބަލާނެ ކަމަށެވެ.
"އަލުން ލޯނު ދޭން ފަށާއިރު ފަހަރުގައި އާ ލޯނު ތަކެއް ވެސް އައުން އެކަށީގެންވޭ. އެކަމަކު އެކަމަށް ވަކި ގޮތެއް އަދި ނުނިންމަން،" ޒީނާދު ވިދާޅުވި އެވެ.
އެސްޑީއެފްސީ އިން މިހާރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ހަ ލޯނެއް ތައާރަފުކޮށްފައިވެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވިޔަފާރިތަކަށް ދޫކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖަށް އެސްޑީއެފްސީން ގިނަ އެހީތަކެއް ދީފާއިވެ އެވެ.