ވިޔަފާރި

މިހާރު ވެސް މަހަށް އެންމެ ބޮޑު އަގު ދެނީ މިފްކޯއިން

ދުނިޔޭގެ ބާޒާރުގެ އަގާ އެއް ހަމައަށް މަސް ގަންނަ އަގު ރާއްޖޭގައި ދޫކޮށްލާފައިވާއިރު، މިހާރު ވެސް މަހަށް ރަނގަޅު އަގެއް ދޭ ކުންފުންޏަކީ މިފްކޯ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރާ އެއް ހަމައަކަށް ދޫކޮށްލައި ގަންނަމުންދާއިރު، ރާއްޖޭގައި މިހާރު ވެސް އެންމެ ރަނގަޅު އަގެއް ދޭ ކުންފުންޏަކީ އެ ކުންފުނި ކަމަށެވެ.

"އަޅުގަނޑުމެން އެބަދެން 16ރ. މިއީ އެހެން ކުންފުނިތަކާ ބަލާއިރު ބޮޑު އަގެއް،" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގައި މަސް ގަންނަމުންދިޔަ 20ރ. ގެ ރޭޓް ދޫކޮށްލިއިރު ރާއްޖޭގެ ގިނަ ކުންފުނި ތަކުން މިހާރު މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ފެލިވަރުގެ ފެސިލީޓީއަށް ދިމާވެފައިވާ މައްސަލައަކީ މަސް ގަނެ ރައްކާ ކުރެވޭނެ ވަސީލަތް ނެތުމެވެ. ނަމަވެސް މި މައްސަލަ އެގޮތުގައި އޮތް ނަމަވެސް އެ ކުންފުނީގެ "މަހާ ކަލަމިންޖާ 101" ބޯޓު ބަނދަރުގައި ބާއްވައިގެން މަސް ގަންނަމުންދެ އެވެ.

"މިހާތަނަށް ކުރި މަސައްކަތުން ރަނގަޅު ކާމިޔާބީ ތަކެއް ވެސް ހޯދައިވޭ. ހުރި ކެޕޭސިޓީއާ ބަލާއިރު ފެލިވަރަށް ތާރީހުގައި އެންމެ ގިނައިން ގަނެވިފައިވަނީ މިދިޔަ އަހަރު 9،000 ޓަނު، އަދި ކުރިން އެންމެ ގިނައިން ގަތީ 4،000 ޓަނުގެ މަސް. އެކަމަކު މިހާތަނަށް މި އަހަރު 12،000 މެޓްރިކް ޓަނުގެ މަސް ގަނެވިއްޖެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެލިވަރުގައި އިތުރު ފެސިލީޓ ގާއިމް ކުރަން މަޝްރޫއެއް ފަށަން ތައްޔާރު ވަމުންދާއިރު، ވަގުތީ ހައްލު ތަކެއް ހޯދުމަށް ކުރާ މަސައްކަތް ވެސް ހުއްޓައެއް ނުލަ އެވެ.

"ސްޓޯރޭޖް ފެސިލީޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދޭ. މިހާރު ކީކިމިނި ފެކްޓްރީ [ހޮރައިޒަން] އަށް ވެސް މިދަނީ މަސް ސްޓޯ ކުރަން. އެތަނުގައި ސްޓޯކޮށްފަ. ކޫއްޑު އަށް ބޯޓުގައި މަސް އުފުލަނީ،" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖެ އަށް ބާނާ މަހުގެ 60 ޕަސެންޓް ގަންނަނީ މިފްކޯ އިންނެވެ. މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 48،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު، މި އަހަރުގެ މިހާތަނަށް 47،000 މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފަ އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު ރާއްޖެއަށް ބާނާ މަސް ނުގަނެވޭ ކަމުގެ ޝަކުވާ މަސްވެރިން އަބަދުވެސް ކުރެ އެވެ. މަސްވެރިން އިއްޔެ ވަނީ ފެލިވަރަށް މަސް ނުކިރި ބަނދަރުގައި ގިނަ ދުވަހު އޮންނަން ޖެހުމާއި މަހުގެ އަގު ދަށްވުމުން ޝަކުވާކޮށް އިހުތިޖާޖުކޮށްފަ އެވެ. އެ އިހުތިޖާޖު ރޫޅައިލީ ފުލުހުން ނެރެގެނެވެ.