މައްސަލަ ބޮޑުވެ އެފްއޭއެމުގެ އިންތިހާބު ހުއްޓި، ފީފާގެ ސަސްޕެންޝަނެއް ބޯމަތިވެފައިވިޔަސް ދިވެހި ސަރުކާރަށް އިތުބާރު ކުރާ ކަމަށާއި ތާއީދު ކުރަނީ މުހައްމަދު ޝަވީދަށް ކަމަށް ފުޓްބޯޅަ ކުލަބުތަކުން މިރޭ ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކުން މިރޭ އެފްއޭއެމް ކައރީގައި ހުންނަ ސެމްޕަލް ކެފޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ ތެރެއިން ހަ ކުލަބުން ބައިވެރިވި އެވެ. އެއީ ބީޖީ އާއި މާޒިޔާ އަދި އީގަލްސް އާއި ޓީސީގެ އިތުރުން ވެލެންސިއާ އާއި ނިއު ރޭޑިއަންޓެވެ.
ކުލަބުތަކުގެ ފަރާތުން ވާހަކަ ދައްކަމުން ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރަކީ ކުޅިވަރަށް ވަރަށް ބޮޑަށް އެހީވަމުން އަންނަ ސަރުކާރެއް ކަމަށާއި ފީފާގެ ސަސްޕެންޝަނަކުން ދިވެހި ފުޓްބޯޅަ ސަލާމަތްކޮށްދެއްވުމަށް ސަރުކާރުން އެހީތެރިވެދެއްވާނެކަން ޔަގީން ކަމަށެވެ.
މާޒިޔާގެ މެނޭޖަރު ވަހީދު ބުނީ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ކުލަބުތަކުން ތާއީދު ކުރަނީ އެކޮމިޓީން މިހާތަނަށް ކަންތައްތައް ކޮށްދިންލެއް ރަނގަޅު ކަމުން ކަމަށެވެ.
"މި ސަރުކާރަކީ ކުޅިވަރަށް ވަރަށް ބޮޑަށް އެހީވާ ސަރުކާރެއް. ހަމައެއާއެކު އެފްއޭއެމުގެ މި ޓީމުން ނުވަތަ ޝަވީދުގެ ޓީމުން ދައްކައިދީފި އެމީހުން ކޭޕަބަލްކަން. މީގެ ކުރިން އެފްއޭމުގައި ވާގޮތަކީ އެކްސްކޯގައި އަބަދުވެސް ދެބަސްވުން އުޅޭ. އޭގެ ސަބަބުން ކަންތައްތަކެއް ކޮށްނުދެވޭ. އޭގެ ބަދަލުގައި ޝަވީދުގެ ޓީމުން ކިޔަނީ އަބަދުވެސް އެކައްޗެއް. ކުލަބުތަކަށް އެމީހުން ދައްކައިދީފި އެމީހުންނަށް މިކަން ކުރެވޭނެކަން،" އަންނަ އަހަރު އޭއެފްސީ ކަޕް ކުޅެން ހޮވިފައިވާ ޓީމުގެ މެނޭޖަރު ބުންޏެވެ.
އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުވާވިޒް ހާޝިމް (މުފާ) ބުނީ އީގަލްސްގެ ކުޅުންތެރިންނަށް މުސާރަދެނީ ވެސް އެފްއޭއެމުގެ އެހީތެރިކަމާއެކުގައި ކަމަށާއި އެފްއޭއެމުން ދޭންޖެހޭ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށެވެ.
"މިއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަކީ ގާތްގަނޑަކަށް 400 އާއިލާ. އަޅުގަނޑު ސަރުކާރަށް ވެސް ގޮވާލަނީ މި އާއިލާތައް ހާލުގައި ޖެހުނަނުދޭށޭ. އެފްއޭއެމުގައި މިހާރު އޮތީ ބަރާބަރު ޓީމެކޭ. ފުޓްބޯޅަ ސަސްޕެންޑްވާން ދޫކޮށްނުލާށޭ،" މުފާ ބުންޏެވެ.
ޓީސީގެ ފަރާތުން ޑޭވް ބުނީ އެފްއޭއެމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއްނެތް ކަމަށާއި މިހާތަނަށް އެފްއޭއެމުން ކަންތައްތައް ކޮށްދިނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ރަޖިސްޓްރީކޮށްނުދީފައިވާ އެފްއޭއެމުގެ އާ އަސާސީގަވާއިދުގެ ތެރެއިން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަނިކަމަށް ޔޫތު މިނިސްޓްރީން ބުނި ނަމަވެސް އެކަން ގަބޫލުނުކުރާ ކަމަށެވެ.
"ޓީސީން އެ އިސްލާހު ހުށަހެޅީވެސް. ޓީސީ ގަބޫލުކުރާ ގޮތުގައި މީހަކު ކުރިމަތިލާއިރު އޭނާއަށް ތާއީދުކުރާ ބަޔަކު ވެސް ތިބެންޖެހޭނެ. އެހެންވެގެން އެ ބަދަލު ގެނައީ. އެއްގޮތަކަށް ވެސް އާއަސާސީ ގަވާއިދުން އިންތިހާބަށް ކުރިމަތިލުމަކަށް ފުރުސަތު ހަނިނުވޭ. އެންމެނަށް ފުރުސަތު އޮތް. ޝަވީދު އެކަނި ކުރިމަތިލީ،" ޑޭވް ބުންޏެވެ.
ކުލަބުތަކުން ޖުމުލަކޮށް ބުނީ އެފްއޭއެމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާކަން އެނގިފައި ނެތް ކަމަށާއި އެފަދަ އަމަލެއް އޮތްނަމަ އެއްކުލަބުން އަނެއް ކުލަބަށް ވެސް ތުހުމަތުކުރާނެ ކަމަށެވެ. ނަމަވެސް އެފްއޭއެމުން ކަންތައްތައް ކޮށްދެނީ ވަކިކުލަބެއް ތަފާތުނުކޮށް ކަމަށާއި ދުވެހި ފުޓްބޯޅަ އާ އުސްމިނަކަށް ގެންދެވޭނީ މިހާރުގެ ނޯމަލައިޒޭޝަން ކޮމީޓީ އަށްކަން ސާބިތުކޮށްދީފި ކަމަށެވެ.
އެފްއޭއެމުގެ އިންތިހާބު ހުއްޓުނީ ހޯމް މިނިސްޓްރީން އަސާސީ ގަވާއިދު ރަޖިސްޓްރީކޮށްނުދިނުމުން އިންތިހާބު ބާއްވަން ރާއްޖޭގެ ގާނޫނު ހުއްދަނުކުރާ ކަމަށް އެޓާނީ ޖެނެރަލް މިއަދު ލަފާދެއްވުމުންނެވެ. މިއާއެކު ރާއްޖެ ވަޑައިގެންތިއްބެވި ފީފާ އާއި އޭއެފްސީގެ މަންދޫބުން ވަނީ ރާއްޖޭގެ އެފްއޭއެމްގެ އިންތިހާބު ބާއްވަން ސަރުކާރުން ފުރުސަތު ނުދިން ކަމަށް ބުނެ ފިފާގެ އެމަޖެންސީ ކޮމިޓީ އަށް ފޮނުވަން ރިޕޯޓެއް ތައްޔާރުކުރަން ފަށާފަ އެވެ. އެމަޖެންސީ ކޮމިޓީއަށް ފޮނުވާ މައްސަލަތަކުގައި މިހާތަނަށް އެކޮމިޓީން ނިންމާފައިވަނީ އެ ގައުމެއް ސަސްޕެންޑްކުރުމަށެވެ.
މާޒިޔާގެ ފަރާތުން ވަހީދު ވިދާޅުވީ ރާއްޖެ ސަސްޕެންޑްވުމުން އެނބުރި ކުރީގެ ހާލަތަށް އައުމަށް ހޭދަވާނީ ކިހާ ދުވަހެއްކަން ނޭނގޭ ކަމަށާއި މިހެންވެ ސާފް ޗެމްޕިއަންޝިޕާއި އަންނަ އަހަރުގެ އޭއެފްސީ ކަޕް ފަދަ މުބާރާތްތައް ނުކުޅެ ތިބެން ކުލަބުތަކުން ބޭނުންނުވާ ކަމަށެވެ.
މިހެންވެ ސަރުކާރާއެކު ކުލަބުތަކުން ވާހަކަ ދައްކާނެ ކަމަށާއި އެކަމަށްވާންޖެހެ ތައްޔާރީތައްވާނެ ކަމަށެވެ.
ވެލެންސިއާގެ ފަރާތުން ޝިބާއު އިތުރަށް ވާހަކަ ދައްކަމުން ބުނީ ކޮންމެ ބަޔަކު އެފްއޭއެމުގައި ތިއްބަސް ކުލަބުތަކުން އެކުވެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ފުޓްބޯޅަ ސަސްޕެންޑްވާން ކުލަބުތަކުން ބޭނުންވާ ކަމަށެވެ.
އެންމެ ފަހުން މިކަން ހައްލުކުރަން އިއްޔެ އާއި މިއަދު ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އުޅެއުޅެ ވެސް ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކުގެ ރަޖިސްޓްރާއާ އެބޭފުޅުންނާ ބައްދަލުވާގޮތްވަނީ ނުވެފަ އެވެ. މިހެންވެ އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައިވަނީ ރާއްޖެއާ މެދު ފީފާއިން އަޅާ ފިޔަވަޅެއްގެ ޒިންމާ ނަންގަވަން ޖެހޭނީ ރަޖިސްޓްރާ ޔޫސުފް އަބުދިލްގަފޫރު ކަމަށެވެ. ފީފާ ގަބޫލުކުރާ ގޮތުގައި ޖަމިއްޔާތަކުގެ ގާނޫނުގައި އޮތްގޮތަށް އެފްއޭއެމުގެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީން ފާސްކުރުމަކީ ސަރުކާރުގެ ނުފޫޒު އެފްއޭއެމަށް އޮތުން ކަމަށެވެ.