ހަބަރު

ތިންދަރިންނަށް އަނިޔާކުރި ދެ މީހުންނަށް ދައުވާ ކޮށްދޭން އެދިއްޖެ

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ ނޮވެންބަރު 26، 2020 ގައެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީގެ އޮފީހަށް އިއްޔެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި މިއީ ރުގްޔާ ކުރުމަށް ކަމަށްބުނެ ފިރިހެނަކު އޭނާގެ އަނބިމީހާއާއި ތިން ދަރިން ރަހީނު ކޮށްގެން ހިންގި އަމަލެކެވެ. އަންހެން މީހާ އާއި އޭނާގެ ކުޑަ ދަރިފުޅަށް ޖިންނި އަވަލާފައި ހުރި ކަމަށްބުނެ ބޮޑެތި އަނިޔާ ދީފައިވާއިރު ކުޑަ ކުއްޖާއަށް އެކި ދުވަސްތައް މަތިން ވަނީ ޖިންސީ ގޯނާ ކޮށްފައި ވެއެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާ އާއި މީޑިއާގެ އެކި ވަސީލަތްތަކުން އެކަން ފަޅާއަރުވާލާ އެ ދެ މީހުން ހައްޔަރު ކުރަން ގޮވާލުމުންނެވެ. އެ ދެ މީހުންގެ ވަނަވަރާއި ފޮޓޯވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެއެވެ. އެ ދެ މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.