ހަބަރު

ނައިބު ރައީސްއަށް މަރުހަބާ ކިޔަން މީހުން އެއްކުރަނީ

ނައިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މީހުން އެއްކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ސަޕޯޓަރުން ފަށައިފި އެވެ. މިހާރު ސިންގަޕޫރުގައި ހުންނެވި ނައިބު ރައީސް ޓްވީޓެއް ކުރައްވައި ވިދާޅުވެފައި ވަނީ މަދާމާ އެމަނިކުފާނު މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

"އައި ސްޓޭންޑް ވިތް އަދީބު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނުގެ ފަރާތުން މިހާރު އިއުލާން ކޮށްފައި ވަނީ މާދަމާ މެންދުރު 12:00 އަށް އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއް ނަމްބަރު ފާލަން ވީހާ ވެސް ގިނަ ބަޔަކު އެއްވުމަށެވެ. އެ ކެމްޕޭންގައި އިސްކޮށް އުޅޭ އެކްޓިވިސްޓަކު ބުނީ، ނައިބު ރައީސް އަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ޖަމާވުމަށް ގޮވާލައި މާލޭގައި އެނައުންސްމަންޓްތަކެއް ވެސް ކުރާނެ އެވެ. އަދި އެކަމުގެ މަގުސަދަކީ ނައިބު ރައީސްއާ އެކު ގިނަ ޒުވާނުން ތިބިކަން ދައްކުވައި ދިނުން ކަމަށް އޭނާ ބުންޏެވެ.

"ގިނަ ބަޔަކު ދާނެ ކަމަށް އުންމީދު މި ކުރަނީ. ނައިބު ރައީސްއަށް އޮތް ތާއީދު މާދަން ފެނިގެން ދާނެ. މިއީ އެކަން ސާބިތުކޮށްދޭނެ ދުވަހެއް،" އެކްޓިވިސްޓް ބުންޏެވެ.

ނައިބު ރައީސް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޗައިނާ ދަތުރުގައި އެކި ގޮތްގޮތުން ކުރިއެރުންތަކެއް ހާސިލް ކުރެވިއްޖެ ކަމަށެވެ. އަހަރެން މި ހުރީ ރާއްޖެއާ އެކު ކަމަށް ބުނެ ނައިބު ރައީސް ޓްވީޓް ކުރައްވަމުން ވިދާޅުވެފައި ވަނީ އެކަތިގަނޑެއްގެ ގޮތުގައި ތިބެއްޖެ ނަމަ ގިނަ ކަންކަން ހާސިލް ކުރެވޭނެ ކަން ދައްކުވައިދޭ ކަމަށެވެ.

ނައިބު ރައީސް އެންމެ ފުރަަތަމަ ރާއްޖެ ވަޑައިގަންނަވަން އޮތީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. އެހެން ނަމަވެސް އާއިލާގެ މެންބަރަކު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާތީ އެބޭފުޅާގެ ކައިރީގައި ނައިބު ރައީސް މަޑު ކުރެއްވީ އެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުތައް ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރެވި، އެމަނިކުފާނު ދިރިއުޅުއްވާ އެޕާޓްމަންޓްތަކާއި އެންމެ ގާތްބޭފުޅުންގެ އެޕާޓްމަންޓްތައް ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ ތަންތަނުގެ ސީސީޓީވީ ފްޓޭޖްތައް ވެސް ވަނީ ގެންގޮސްފަ އެވެ. އަދި އަދީބު ބަލަހައްޓަވަމުން ގެންދެވި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުން އައި، އެމްއެމްޕީއާރުސީ ވެސް ބަންދުކޮށް އެތަން ވެސް ވަނީ ފާސްކޮށްފަ އެވެ. އެހެން ނަމަވެސް އަދީބު ގެންދަވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.