ރިޕޯޓް

ފުލުސް ސަފުތައް ރުކުރުވާލާފައިވަނީ ކިހިނެއް؟

Dec 27, 2020
6

ރާއްޖޭއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވޭ ގައުމެކެވެ. އާބާދީ ވަނީ ގިނަރަށްތަކެއްގެ މައްޗައް ބެހިފަ އެވެ. މީގެ ސަބަބުން އެކި ހިދުމަތް ދިނުމުގައި ތަފާތު ގިނަ ދަތިތަކާއި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހެ އެވެ. ފުލުހުންގެ ހިދުމަތަކީ ވެސް ކޮންމެ ރަށެއްގައި ވެސް ދިރިއުޅޭ ރައްޔިތުން ބޭނުންވާ މުހިއްމު ހިދުމަތެކެވެ. ފުލުހުންގެ ހިދުމަތް އަތޮޅުތަކުގައި ގާއިމްވުމުގެ ކުރިން އާއްމު ރައްޔިތުން ހުށަހަޅާ ކުށުގެ މައްސަލަތައް އެފަރާތްތަކުން ހުށަހަޅަން ޖެހެނީ އެ ރަށެއްގެ ރަށު އޮފީހަށެވެ. ރަށު އޮފީހަށް ހުށަހެޅޭ މައްސަލަ ފުލުހުންނާއި ހަމަ އަށް ދިއުމުގައި ތަފާތު ގިނަ ދިގު އިދާރީ މަރުހަލާތައް ފުރިހަމަ ކުރެއެވެ. އެ ދިގު މަރުހަލާއަކީ ރަ ށުއޮފީހުން، އަތޮޅު އޮފީހުން، އެޓޯލްސް މިނިސްޓްރީ އިން ޑިފެންސް މިނިސްޓްރީން އޭރުގެ ފުލުސް އޮފީހަށެވެ. ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ދެވުމަކީ ރައްޔިތުން ބޭނުންވާ ފުލުހުންގެ ހިދުމަތް އަވަސްކަމާއިއެކު އެ ފަރާތްތަކަށް ދެވޭނެ ނިޒާމެކެވެ.

ފުލުހުންގެ ހިދުމަތް އަތޮޅުތަކުގައި ފެށީ ފުލުހުންނާއި ސިފައިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިދުމަތް ދެމުންދިޔައިރު 1993 ވަނަ އަހަރު އައްޑު އަތޮޅުންނެވެ. ދެހާސް ވަނަ އަހަރު ނިމުނުއިރު ހަތް އަތޮޅެއްގައި ފުލުހުންގެ ހަތް މަރުކަރު ގާއިމް ކޮށްފައިވެ އެވެ. ދެހާސް ދެ ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ދެމެދު 16 އަތޮޅެއްގައި ފުލުހުންގެ 35 މަރުކަޒު އަލަށް ހުޅުވި އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ދެމެދު 19 އަތޮޅެއްގައި 45 ފުލުހުންގެ މަރުކަޒާއި 16 ފުލުހުންގެ ޑެސްކް ގާއިމްކޮށްފައިވެ އެވެ. ޖުމްލަ 103 ރަށުގައި 87 ފުލުހުންގެ މަރުކަޒާއި 16 ފުލުހުންގެ ޑެސްކް އާއްމު ރައްޔިތުންނަށް ހިދުމަތް ދޭން ގާއިމް ކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ 53 ޕަސެންޓެވެ.

ފުލުސް މަރުކަޒުތައް ގާއިމްކުރި އަހަރުތައް

ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތެއްގެ ގޮތުގައި ބަދަލުވެފައި ވަނީ ސެޕްޓެމްބަރު 1، 2004 ވަނަ އަހަރުން ފެށިގެންނެވެ. ފުލުހުންގެ ހިދްމަތް މަދަނީ ހިދުމަތަކަށް ބަދަލުވުމުން ރައްޔިތުންނަށް ލިބޭ ހިދުމަތް އިތުރުވެ ގިނަ ރައްޔިތުންނަށް ހިދުމަތް ދިނުމަށް 16 އަހަރުގެ ތެރޭގައި 18 އަތޮޅާއި އެއް ސިޓީގައި 63 ފުލުހުންގެ މަރުކަޒާއި 16 ފުލުހުންގެ ޑެސްކް ގާއިމް ވެފައިވެ އެވެ.

ލާމަރުކަޒީ ފުލުހުންގެ ހިދުމަތެއް ފުލުހުން މަދަނީ ހިދުމަތަކަށް ބަދަލުވުމަށްފަހު 2007 އާއި 2019 އާއި ދެމެދު ފުލުހުންގެ ހިދުމަތުގެ ސިޔާސަތު ކަނޑައަޅާ ހަތަރު ކަރުދާހެއް އެކުލަވާލާފައިވެ އެވެ. އެގޮތުން 2007 ން 2011، 2012 ން 2013، 2014 ން 2018 އަދި 2019 ން 2023 އަށް ފުލުސް އިދާރާ އިން ހާސިލު ކުރަން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް އާއްމު ރައްޔިތުންނާއި ކައިރިން ދިނުން މުހިއްމު ސިޔާސަތެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

ފުލުސް މަރުކަޒުތައް ބެހިގެންވާ ހަތް ސަރަޙައްދު

ދެހާސް ނަވާރަ އިން 2023 އަށް ފުލުހުން އިސްކަން ދޭން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ހަ ގައި ހިމެނެނީ އާއްމު ފަރުދުންގެ ބޭނުންތަކަށް ހިދުމަތް ދެވޭ ފުލުހުންގެ ހިދުމަތެއް ބިނާ ކުރުމެވެ. މި ލަނޑުދަނޑި ހާސިލު ކުރުމަށް ތިން އަމާޒެއް ކަނޑައަޅާ 21 ހަރަކާތެއް ހިންގަން އެކަށައަޅާފައިވެ އެވެ. މި ލަނޑުދަނޑި ހާސިލު ކުރުމަށް މާލޭ ސިޓީގައި ފުލުހުން ދެމުންގެންދާ ހިދުމަތް އިތުރަށް މުރާޖާ ކުރުމާއި އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާ ކުރުން ހިމެނެ އެވެ. އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާ ކުރުމަށް އިންސާނީ ވަސީލަތް ބޭނުންކުރެވިފައިވާ ގޮތް ދަނެގަތުމަށް އޮޑިޓެއް ހެދުމާއި އަތޮޅުތަކުގައި ފުލުހުންގެ މަރުކަޒު ގާއިމްކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލުމާއި އަތޮޅުތަކުގައި ހިމެނޭ ފުލުހުންގެ މަރުކަޒުތަކުގެ ވަޒީފާއަށް އެއަތޮޅެއްގެ މީހުންނަށް ވަޒީފާ ދިނުމަށް އިސްކަން ދިނުން ހިމެނެ އެވެ.

މަރުކަޒުތައް މީހުން ދިރިއުޅޭ ރަށްތަކުގެ ނިސްބަތުން

ފުލުހުންގެ ހިދުމަތް ލާމަރުކަޒް ކުރުމަކީ މިހާރުގެ ސަރުކާރުން 2019 ން 2023 ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ހިންގުން ހަރުދަނާ ކުރުމުގެ ސިޔާސަތުތަކުގައި ހިމެނޭ ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށް އެކަށައަޅާފައިވާ އަމާޒު ހާސިލް ކުރުމަށްޓަކައި ހިންގުމަށް ތާވަލްކުރެވިފައިވާ ހަރަކާތެކެވެ. މިއީ ފުލުހުންގެ ހިދުމަތް އަތޮޅުތަކަށް ދިނުމުގައި ރޭވުންތެރިކަމާއިއެކު ކުރުމަށް ސިޔާސަތާއި، ލަނޑުދަނޑިއާއި އަމާޒު އަދި ކުރާނެ ހަރަކާތްތައް ތަފްސީލްކޮށް ކަރުދާހެއްގެ ސިފައިގައި އެއްކުރެވިފައިވާ ފުރަތަމަ ފަހަރެވެ.

އެއް އަތޮޅެއްގައި ފުލުހުންގެ މަރުކަޒު އެންމެ ގިނައީ ފުލުހުންގެ ހަތް މަރުކަޒާއި ފުލުހުންގެ ޑެސްކެއް ގާއިމްކުރެވިފައިވާ ތ. އަތޮޅުގަ އެވެ. ތ. އަތޮޅުގައި 2002 ވަނަ އަހަރުން 2009 ވަނަ އަހަރާއި ދެމެދު އާބާދީގައި 1000 މީހުނަންވުރެ ގިނައިން މީހުން ދިރިއުޅޭ ހަތަރު ރަށެއްގައި ފުލުހުންގެ ހަތަރު މަރުކަޒު ގާއިމްކުރެވިފައި ވެއެވެ. އަދި 2012 ވަނަ އަހަރުން 2013 ވަނަ އަހަރާއި ދެމެދުވެސް އާބާދީގައި 1000 މީހުނަންވުރެ ގިނައިން މީހުން ދިރިއުޅޭ ތިން ރަށެއްގައި ފުލުހުންގެ ތިން މަރުކަޒު ގާއިމްކުރެވިފައިވެ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު އާބާދީގައި އެއްހާސް މީހުން ހަމަނުވާ ތ. ދިޔަމިގިލީގައި ފުލުހުންގެ ޑެސްކެއް ގާއިމްކުރެވި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އަށް ރަށުގައި ފުލުހުންގެ ހިދްމަތް ގާއިމް ކުރެވިފައި ވެ އެވެ.

ގއ. އަދި ގދ. ފަދަ މިހާރު ވެސް ކުށުގެ މައްސަލަތައް ގިނައިން ހުށަހެޅޭ އަދި 1000 މީހުންނަށްވުރެ ގިނައިން މީހުން ދިރިއުޅޭ މަޑަވެލި، ހޯޑެއްދޫ، ނަޑައްލާ އަދި ދެއްވަދޫ ފަދަ ރަށްރަށުގައި ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނެތި އެއަށްވުރެ މީހުން މަދުން ދިރިއުޅޭ ކުށްމަދު އަތޮޅުތަކުގައި ފުލުހުންގެ މަރުކަޒު ނުވަތަ ޑެސްކް ގާއިމްކުރެވިފައި ވުމަކީ ފުލުހުންގެ ހިދްމަތް ލާމަރުކަޒީކުރުމުގައި ބޭނުންކުރެވިފައިވާ ހަމަތަކަކާއި، އުސޫލްތަކަކާއި ސިޔާސަތު ތައް އިތުރަށް މުރާޖާކުރަން ޖެހޭކަން ދޭހަ ކޮށްދޭ ކަމެކެވެ.

އެއްހާސް މީހުނަށްވުރެ ގިނަ 84 ރަށުގައި މަރުކަޒެއް

އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 103 ރަށެއްގައި ފުލުހުންގެ މަރުކަޒެއް ނުވަތަ ފުލުހުންގެ ޑެސްކެއް ވަނީ ގާއިމްކޮށްފަ އެވެ. އާބާދީގައި 1000 މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ގާއިމްވެފައި ނެތީ 25 ރަށު ގައެވެ. މިއާބާދީގެ 77 ޕަސެންޓް ރަށުގައި ފުލުހުންގެ މަރުކަޒު ގާއިމްކުރެވި އާއްމު ރައްޔިތުންނަށް ހިދުމަތް ދެވެއެވެ. އާބާދީގައި 1000 މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޅ. އަތޮޅާއި އދ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި އަދި ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމްވެ އާބާދީގެ ބޮޑުބަޔަކަށް ފުލުހުންގެ ހިދުމަތް ދެވެއެވެ. އާބާދީ ބޮޑު އަދި އާބާދީގައި 1000 މީހުންނަށް ވުރެ ގިނައިން މީހުން ދިރިއުޅޭ ނުވަ ރަށް ހިމެނޭ ލ. އަތޮޅަކީ ނިސްބަތުން އެންމެ ފުލުހުންގެ މަރުކަޒު މަދު އަތޮޅެވެ. މި އަތޮޅުގައި ފުލުހުންގެ މަރުކަޒު ހުރީ ފަސް ރަށުގަ އެވެ.

ލާމަރުކަޒީ ފުލުހުންގެ ހިދުމަތައް ގާނޫނުން ލިބޭ ބާރު

މި އަހަރުގެ ޖެނުއަރީ 22 ވަނަދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ 59 މެމްބަރުންގެ ވޯޓުން 2020 ޑިސެމްބަރު ހަ ވަނަ ދުވަހު ފާސް ކޮށްފައިވާ ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުގައި، ގާނޫންގެ ހަ ވަނަ މާއްދާއިން ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ދިނުމަށް މަގު ފަހިކޮށްދީފައި ވެއެވެ. މި އިސްލާހުގައި ބަޔާން ކޮށްފައި ވާގޮތުން ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން އިންތިޒާމް ކުރެވިގެން ދާނީ މާލެ ނުހިމެނޭ ގޮތަށް މަދުވެގެން ފަސް ސަރަހައްދެއްގެ މައްޗައް އެ ސަރަހައްދެއް ހިންގުމަށް ކަނޑައަޅާ ރީޖަނަލް ކޮމާންޑަރެކެވެ.

ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށް ކަނޑައަޅާ ސަރަޙައްދުތައް ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އޮފް ހޯމް އެފެއާޒް ކަނަޑައަޅަން ޖެހެއެވެ. މި ގާނޫނުގައި ފުލުހުންގެ މަރުކަޒުތަކުގެ ފަސް ދަރަޖައިގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނާއި ސިޓީ ޕޮލިސް ސްޓޭޝަނާއި ރަށު ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކް ކަނޑައަޅާފައިވެ އެވެ.

ލާމަރުކަޒީކޮށް ހިދުމަތްދިނުމްށް ކަނޑައަޅާ ކޮންމެ ސަރަޙައްދަކަށް މަދުވެގެން ދެ އަހަރު ދުވަހަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކަށް ވުރެ ދަށްނޫން ރޭންކެއްގެ އޮފިސަރަކު ކަމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރަންޖެހެ އެވެ. އަތޮޅު ޕޮލިސް ސްޓޭޝަން އަދި ސިޓީ ޕޮލިސް ސްޓޭޝަންގެ އެންމެ އިސް އޮފިސަރަކަށް ސަބް-އިންސްޕެކަޓާ އޮފް ޕޮލިސް ރޭންކްށް ވުރެ ދަށުގެ އޮފިސަރަކަށް ނުހުރެވެ އެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމްއަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް، ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަކޮށްފައިވާ ދިވެއްސެކެވެ.