ހަބަރު

ވިޔަފާރިވެރިޔާ ލަކުޑި ސޭޓް އަވަހާރަވެއްޖެ

ލަކުޑީގެ ވިޔަފާރީގައި ފާހަގަ ކޮށްލެވުނު މ. ސިމްވިލާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) އަވަހާރަވެއްޖެ އެވެ.

ސޭޓް އަވަހާރަވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި ސޭޓް އަވަހާރަވެފައިވާކަން އެނގުނީ ނިދާ ނުހޭލައިގެން ބެލިއިރު އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 65 އަހަރެވެ. ސޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެކެވެ. ގާސިމްއާއެކު ސިޔާސީ މަސައްކަތުގައި އުޅުއްވި ލަކުޑި ސޭޓަކީ ޖޭޕީގެ ކައުންސިލް މެންބަރެއްވެސްމެ އެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ލަކުޑި އެތެރެކޮށް އެ ވިޔަފާރީގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ލަކުޑި ސޭޓް އަވަހާރަވުމާއި ހަމައަށްވެސް ގެންދެވީ ވިޔަފާރީގައި ހަރަކާތްތެރިވަމުންނެވެ.

ސޭޓްގެ ޖަނާޒާ ބާއްވާނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. ސޭޓް އަވަހާރަވީއިރު އަންބަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.