ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރު މި ކުރީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މިއަދު ވެސް ސުވާލު ކުރުމަށް ފަހުގަ އެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޒިޔަތު ހައްޔަރު ކުރީ ބަލަމުން އަންނަ މައްސަލައެއްގައި ކަމަށެވެ.
ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓާއި އެމްއެމްޕީއާރުސީގެ އޮފީސް ވެސް ފުލުހުން ވަނީ މީގެ ކުރިން ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި އެ ތަންތަން ފާސްކޮށްފައި ވަނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ތަހުގީގަށް ބޭނުންވާތީ އެވެ. އެމްއެމްޕީއާރުސީ މެދުވެރިވެގެން ސޮފްޓް ޓޯއީ ކަމަށް ބުނެ އޮޅުވާލައިގެން ގެނައި ބަޑިބޭސް ކޮންޓެއިނަރެއްގެ މައްސަލަ އަންނަނީ ބަލަމުންނެވެ. އެ މައްސަލަިއގައި އޭނާ އާ ސުވާލު ވެސް ކޮށްފައިވެ އެވެ. އެމްއެމްޕީއާރުސީ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޒިޔަތު އަކީ ނައިބު ރައީސް އަހުމަދު އަދީބުގެ ވަރަށް އަރިސްބޭފުޅެކެވެ. މިވަގުތު ސިންގަޕޫރުގައި ހުންނެވި ނައިބު ރައީސް ވަނީ މާދަމާ މެންދުރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. ނައިބު ރައީސްއަށް މަރުހަބާ ދެންނެވުމަށް އެއް ނަމްބަރު ފާލަމަށް ގިނަ ބަޔަކު އެއް ކުރުމަށް އަދީބުގެ ސަޕޯޓަރުން ވަނީ މަސައްކަތް ވެސް ފަށައިފަ އެވެ.